އެމްއޭސީއެލް

އެމްއޭސީއެލްގެ އާމްދަނީއަށް ފުރަތަމަ ތިން މަހު 83 ޕަސެންޓުގެ އިތުރުވުމެއް

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 83 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި އެމްއޭސީއެލްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 573 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ. އެހެންވެ އާމްދަނީއަށް ލިބުނު މި އިތުރުވުމަކީ ގާތްގަނޑަކަށް 83 ޕަސެންޓުގެ އިތުރުވުމެކެވެ.

މި ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުތައް ހުއްޓުމާއެކު އެމްއޭސީއެލް އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރު އަޅާ ކިޔާނަމަ 22 ޕަސެންޓް، ގާތްގަނޑަކަށް 294 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްއޭސީއެލް އަށް ޑިއުޓީ ފްރީން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަދަދު މިއަހަރުގެ ފުރަތަމަ ތިން މަހު ވަނީ ގާތްގަނޑަކަށް 180 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ބޯޑަރު ހުޅުވުމާއެކު ފްލައިޓް މޫވްމެންޓް 74 ޕަސެންޓް އިތުރުވުމާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖެޓު ފިއުލުން ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި ދާއިރާއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވަނީ ގާތްގަނޑަކަށް 240 މިލިއަން ރުފިޔާ އެވެ. އަދި މަތިންދާ ބޯޓަށް ހިދުމަތް ދީގެން "އެއުރޯ ސޭލްސް" ގެ ގޮތުގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ވަރު ލިބިފައިވެ އެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަހު މިދާއިރާގެ އާމްދަނީ ވަނީ ގާތްގަނޑަކަށް 180 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން ނޮން އެއުރޯ އާމްދަނީވެސް މި މުއްދަތުގައި ވަނީ އިތުރުވުމެއް ލިބިފަ އެވެ.

އާމްދަނީއަށް އައި ކުރިއެރުން- ޕަސެންޓޭޖުން

  • ޑިއުޓީ ފްރީން: 125 ޕަސެންޓް އިތުރު
  • ތެލުގެ އާމްދަނީ: 82 ޕަސެންޓް އިތުރު
  • މަތިންދާ ބޯޓަށް ހިދުމަތް ދީގެން ލިބުނު އާމްދަނީ: 87 ޕަސެންޓް އިތުރު

އެމްއޭސީއެލްގެ މާލީ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާވެސް ވަނީ ހަތަރު ވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާއަށް 314 މިލިއަން ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 104 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 201 ޕަސެންޓުގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވީ ނަމަވެސް އެމްއޭސީއެލް އިން ނަގާފައިވާ ލޯނުތަކާއެކު އެ ކުންފުނީގެ ދަރަނީގެ ނިސްބަތް ވަނީ މަތިވެފަ އެވެ.