ކުށުގެ ރިކޯޑް ދޫކުރުމުގައި ބަލާ މުއްދަތު ތިން އަހަރަށް ކުޑަކޮށްފި އެވެ.
މީގެކުރިން ކުށުގެ ރެކޯޑް ދޫކުުރުމުގައި ބަލާ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް އަހަރެވެ.
އެކަމަކު ހޯމް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ގެޒެޓްކޮށްފައިވާ "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގައި ވަނީ މުއްދަތު ކުޑަކޮށްފަ އެވެ.
ތަފްސީލީ ގޮތަކަށް އެކުލަވާލާފައިވާ އާ ގަވައިދުގައި މުއްދަތު ކުޑަކުރި ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ރިކޯޑް ބެލެހެއްޓުމަކަށް އެއްވެސް ހުރެހެއް ނެތެވެ.
އާ ގަވައިދުގައި ކެޓަގަރީ ތަކަކަށް ބަހާލައިގެން ޕޮލިސް ރިކޯޑް ދޫކުރަން ފުރުސަތު ދީފައިވެ އެވެ. އެގޮތުން ވަޒީފާގެ ބޭނުމަށާއި، ގާނޫނީ ޝަހްސެއްގެ ބޭނުމަށާއި އަދި ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން ރިކޯޑް ދޫކުރެވިދާނެ އެވެ.
މިގަވައިދުގައިވާ ގޮތުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތަހުގީގު ހިނގާނަމަ އަދި އެ މީހާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާނަމަ އެއީ ޕޮލިސް ރިކޯޑް އޮތް މީހެއްގެ ގޮތުގައި ބަލަ އެވެ.
ނަމަވެސް ވަޒީފާއަކަށް ކުރިމަތިލުމުގެ ބޭނުމުގައި ޕޮލިސް ރިކޯޑެއް ހޯދާނަމަ އެފަދަ ރިޕޯޓް ތަކުގައި ހިމަނަންޖެހޭނީ އެ މީހެއްގެ މައްޗަށް ޖީނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު 10 ކުށުގެ ގޮތުގައި ހިމެނޭ ކުށެއްގެ ތުހުމަތުގައި އެ މީހެއްގެ މައްސަލަ ތަހުގީގު ކުރާ ނަމަ އެ ހާލަތުގައި ކަމަށްވެސް ބުނެފައިވެ އެވެ.
ކުށުގެ ރިކޯޑް ސާފުކުރުމަށް އެދޭ މީހެއްގެ މައްސަލައެއް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން ތަހުގީގުކޮށްފައިވާނަމަ އެ ހުރިހާ ތަހުގީގަކާ ގުޅޭ ކުށުގެ މައުލޫމާތު ކުށުގެ ރިކޯޑް ސާފުކުރަން ހުށަހަޅާއިރު ރިކޯޑުގައި ހިމަނަން ވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.
މިގަވައިދުގައިވާ ގޮތުން ލާމަރުކަޒީ އުސޫލުން ކޮންމެ ސަރަހައްދަކުން ވެސް ވަދެވޭ ގޮތަށް ޕޮލިސް ރިކޯޑު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރަންޖެހެ އެވެ.
ތިން ބާބާއި 24 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ގަވައިދަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.