ޓޫރިޒަމް

ސީމާކް އަށް އިންނަފުށީގެ ބަދަލަށް ދިން ފަޅު ވިއްކާލައިފި

މަސްވެރިކަމުގައި މަޝްހޫރު އެންސިސް ކުންފުނީގެ ހިއްސާދާރުންގެ ހިއްސާ އޮންނަ، ސީމާކް ކުންފުންޏަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި ދިން ފަޅު ވިއްކާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ފަޅެއް ވިއްކާލަން ގާނޫނީ އިޖުރާތުތައް ފުރިހަމަކުރަން ކޮށްފައިވާ އިއުލާނުގައި ބުނީ ވިއްކާލަނީ ޖިއޮގްރެފިކަލް ކޯޑިނޭޓްސް (i3°53’24.6 73°21’36.74”E) ފަޅު ވިއްކާލަން ނިންމާފައިވާ ކަމަށެވެ. މި ފަޅު އޮންނަނީ މާލެ އަތޮޅު ފިހާޅޮހި ރިސޯޓާއި އަދާރަން ކްލަބް ރަންނާޅި ރިސޯޓާ ދެމެދުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިއްކާލުމުގެ މުއާމަލާތުތައް ފުރިހަމަކުރަން އިއުލާނުކޮށްފައިވާ ފަޅު ލިބިފައިވާ ކުންފުންޏެއް ކަމަށް އެ މިނިސްޓްރީގެ ޕްރޮޕަޓީ ލިސްޓުން އެނގެނީ ހ. މައިޒާން ގޭގައި އޮފީސް ހުންނަ، ސިސްޓަމްސް އިންޖިރިއަރިން އެންޑް ކޮންސަލްޓިން މޯލްޑިވްސް (ސީމާކް) ކުންފުންޏެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސީމާކް ކުންފުންޏަށް މިފަޅު ލިބިފައިވަނީ އެ ކުންފުންޏަށް ރިސޯޓު ތަރައްގީކުރަން ލިބިފައިވާ ބ. އިންނަފުށީގެ ބަދަލެއްގެ ގޮތުގަ އެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ސީމާކް އަށް ދީފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

އިންނަފުށީގެ ބަދަލެއްގެ ގޮތުގައި ފަޅެއް ދީފައިވަނީ އިންނަފުށި ހިމާޔަތް ކުރަން މި ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މި ފަޅު އެ ކުންފުންޏަށް ދިނީ އިންނަފުށީގެ ވަށައިގެންވާ ފަރުގެ ތިމާވެއްޓަކީ އާދަޔާ ހިލާފަށް ރީތި ތަނަކަށްވުމުން އެތަން ހިމާޔަތް ކުރަން ސަރުކާރުން ބޭނުންވުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސީމާކްގެ މެނޭޖިން ޑިރެކްޓަރަކީ އެންސިސް ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ އަބްދުﷲ ސައީދު އެވެ. އަދި މި ކުންފުނީގެ ބޯޑުގައި ތިއްބަވަނީ މުހައްމަދު ވަސީމް އިސްމާއިލް އާއި އަބްދުލް ވާހިދު ތައުފީގު އެވެ. މި ފަޅު ވިއްކާލި އަގާއި ވިއްކާލާފައިވަނީ ކޮން ކުންފުންޏަކަށް ކަމެއް ނޭނގެ އެވެ.

ޓޫރިޒަމްގެ މިފަދަ ބޮޑެތި ޕްރޮޕަޓީތައް ވިއްކާލުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރެ އެވެ. އެގޮތަށް އިއުލާނު ކުރަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރުމަށެވެ. ނަމަވެސް، އާއްމު ގޮތެއްގައި އިއުލާނު ކުރުމުގެ ކުރީގައި މިފަދަ ވިޔަފާރިތަކުގެ މުއާމަލާތްތައް ކުރާ ދެ ފަރާތުގެ ދެމެދުގައި މުއާމަލާތް އޮންނާނީ ފުރިހަމަކޮށްފަ އެވެ.

ރާއްޖޭގައި ދާދިފަހުން ވެސް މިފަދަ ވިޔަފާރީގެ ދެ މުއާމަލާތެއް ހިންގާފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ޓެކްސް ނިޒާމު އޮންނަ ގޮތުން މިފަދަ މުއާމަލާތްތަކުން ދައުލަތަށް ފައިސާއެއް ނުލިބެ އެވެ.