މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރައިވަރު މަރާލަން އުޅުނު މީހާގެ ބަންދަށް 10 ދުވަސް

ހުޅުމާލޭގައި ރޭ ޓެކްސީ ޑްރައިވަރަަކަށް ހަމަލާދީ މަރާލަން އުޅުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މަސްތުވެގެން ހުރި އިންޑިއާގެ މީހަކު ރޭ ހަމަލާދީ މަރާލަން އުޅުނީ ހުޅުމާލޭގައި ހުންނަ ޕިކް އެންޑް ޑްރޮޕް ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރަމުންދާ ޑްރައިވަރު މުހައްމަދު އިބްރާހިމް އަށެވެ.

އުމުރުން 25 އަހަރުގެ މީހާ ރޭ ފުލުހުން ހައްޔަރުކުރީ ހާދިސާ ހިނގި ސަަރަހައްދާ މާދުރު ނޫން ހިސާބަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު 10 ދުވަސް ޖަހައިފައިވާ ކަމަށެވެ.

ޑްރައިވަރު މަރާލަން އުޅުނީ ބިދޭސީ މީހާ ލައިގެން ހުރި ޓީޝާޓް ޑްރައިވަރުގެ ކަރުގައި އަޅުވާ ބާރުކޮށް ނޭވާ ހާސްކޮށްލައިގެންނެވެ. ޑްރައިވަރުގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެކަމަކު އަދިވެސް ކަަރަށް ތަދުވެ އުނދަގޫވާ ކަމަށް އޭނާ ބުނެ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ވެސް ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކށް ހަމަލާދީ މަރާލައިފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.