ހަބަރު

މަރާލާފައިވާ އަނަސްއަށް ދިނީ ވަގުތުން މަރުވެދާނެ ހަމަލައެއް: ޑޮކްޓަރު

މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް އަށް، ދީފައި ވަނީ ވަގުތުން މަރުވެދާނެ ފަދަ ހަމަލާއެއް ކަމަށް އޭނާ ބެއްލެވި އޭޑީކޭގެ އޮޕަރޭޝަން ޑޮކްޓަރު އެ މައްސަލައިގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޒަހަމްކޮށްލައި އަނިޔާވެރި ގޮތަކަށް އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އަނަސް މަރުގެ މައްސަލާގެ ޝަރީއަތުގައި މިއަދު އަޑު އެހުމެއް ބޭއްވި އެވެ. މިއަދު އޮތީ ހެކިންގެ ހެކި ބަސް ނެގުމުވެ. އެ އަޑުއެހުމުގައި އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މޫމިންގެ ހެކިބަސް ޝަރީއަތަށް ހޯދި އެވެ.

ކުރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ޑޮކްޓަރު ވިދާޅުވީ އަނަސްގެ ކޭހަށް އޭނާ އެޓެންޑްވި އިރު އޭޑީކޭ އެމަޖެންސީ ރޫމުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން އެޓެންޑްވެ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އޭރުވެސް އެއްވެސް ވަރަކަށް ވިންދާއި ހަރަކާތެއް ވެސް ނެތް ކަމަށެވެ. ޑޮކްޓަރު އަދި ވިދާޅުވީ ވަގުތުން މަރުވެދާނެ ފަދަ ފުން ޒަހަމްތަކެއް އަނަސް ކަރަށާއި މޭމައްޗަށް ދީފައިވާ ކަމަށެވެ.

އިބްރާޙިމް ފަހުން ވިދާޅުވީ ވިދާޅުވީ އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަރުވީ ލިބިފައިވާ ޒަހަމްތަކާއި އަނިޔާގެ ސަބަބުން ކަމަށާއި އޭނާގެ ހަށިގަނޑުން ލޭމަދުވެ ފުއްޕާމެއަށް ވެސް އެ ޒަހަމްތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

މަރުގެ މި މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

މިއަދުގެ އަޑު އެހުމުގައި ޖުނައިހު ވަނީ އޭނާ އަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެފަ އެވެ. އެހެން ކަމުން އެކަން ބަލަން ގާޒީ ވަނީ އަންގަވާފަ އެވެ. އަޑު އެހުން މިއަދު ނިންމާލާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ބާއްވާށެވެ.

އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ މާލާގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ.