މިފްކޯ

ފެލިވަރު އަޕްގްރޭޑް ކުރަން ދެ މިލިއަން ޑޮލަރުގެ މެޝިނަރީ ގެނެސްފި

  • މަޝްރޫއު ނިމުމުން 50 ޓަނުގެ މަސް ދަޅު ބަންދު ކުރެވޭނެ
  • މަސް ދަޅުގެ އިތުރުން އެހެން ބާވަތްތައް އުފައްދަން ފަށާނެ
  • ކޯލްޑް ސްޓޯރޭޖް 1000 ޓަނަށް ބޮޑު ކުރާނެ

ފެލިވަރުގައި މަސް ދަޅު އުފެއްދޭ ވަރު، 50 ޓަނަށް ބޮޑު ކުރުމަށް ހިންގާ މަޝްރޫއަށް ދެ މިލިއަން ޑޮލަރުގެ މެޝިނަރީ މިފްކޯއިން ގެނެސް، ފެކްޓްރީއަށް ގެންގޮސްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ފެލިވަރު އަޕްގްރޭޑް ކުރަން ބޭނުންވާ މެޝިނަރީގެ 90 ޕަސެންޓް ފެލިވަރަށް މިހާރު ގެންގޮސް، މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބާކީ ހުރި ދެ ކޮންޓެއިނަރު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އޭރުން ފެކްޓްރީ އަޕްގްރޭޓް ކުރަން ބޭރުން ގެންނަން ޖެހޭ ތަކެތި ނިމުނީ ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.

"ފެލިވަރުގައި ކުރަން ޖެހޭ ހުރިހާ ސިވިލް މައްސަލަތައް ވަނީ ނިމިފައި. މެޝިންތައް ބަހައްޓާފައި އެ ގުޅާލާނަން. އޭރުން މެޝިންތައް ކޮމިޝަން ކުރަން އަންނަ މަހުގެ 15 ވަނަ ދުވަހު ބޭނުން ޓީމެއް އަންނާނެ. އޭރުން އިރާދަކުރެއްވިއްޔާ ޕްރޮޑަކްޝަން ޖެއްސޭނެ،" އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވީ ފެލިވަރު އަޕްގްރޭޑިން އަށް ފަހު 50 ޓަނުގެ ދަޅުވެސް ބަންދުކުރަން ފެށުމުން ދިވެހި މަސްވެރިން ބާނާ މަހުން ލިބޭ ނަފާ އިތުރު ކުރުމަށް މިއީ އެޅޭ ވަރަށް ބޮޑު ބާރެކެވެ. އަދި މީގެ ސަބަބުން މިހާރު ދަށަށް ގޮސްފައިވާ ޔޫރަޕްގެ މާކެޓްގައި ރާއްޖެއަށް ވާދަކުރުމަށް ފުރުސަތެއް ލިބޭނެ ކަމަށް އަދުލީ ދެކިވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ފަށައިގެން އުޅެނީ ފެލިވަރުގެ އަޕްގްރޭޑިން މަސައްކަތްތަކެއް. އޭރުން ގެއްލިފައި ތިބި ޔޫކޭގެ ބަޔަރުން ވެސް ލިބޭނެ. އެ މަސައްކަތާއިގެން ކުރިއަށް ދެވޭ. އޭރުން ބެންކޮކަށް ދާ މަސްކޮޅު މަދުވީމަ އަޅުގަނޑުމެންގެ ފިނިކުރި ރޯމަހަށް ލިބޭ އަގު ވެސް ބޮޑުވާނެ. އޭރުން މަސައްކަތް ކުރަން ފެށީމަ މަސްވެރިންނާއި ކުންފުންޏަށް ވެސް ފައިދާ ވާނެ،" އަދްލީ ވިދާޅުވި އެވެ

އޭނާ ވިދާޅުވީ މިހާރު ފެލިވަރުގައި މިހާރު ބަންދު ކުރެވެނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 12 މެޓްރިކް ޓަނުގެ މަސް ދަޅު ކަމަށެވެ.

"ފެލިވަރުގެ ކޭނަރީއަކީ 50 ޓަނުގެ މަސް ބަންދުކުރެވޭ ގޮތަށް ފައްކާ ކޮށްފައި ހުރި ކޭނަރީއެއް. އެކަމަކު މިހާރު އެތަނުގައި ހަމަޖެހިލައިގެން ބަންދު ކުރެވެނީ 12 ނޫނީ 13 ޓަނުގެ މަސް. އެތަނުގައި ކުރިން ހުރި މަސް ސާފު ކުރުމަށް ބޭނުންކުރާ ސާމާނުވެސް ވަނީ ނެގިފައި،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު އަޕްގްރޭޑްކޮށް ނިމޭއިރު، ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް 1،000 ޓަނަށް ވެސް ބަދަކު ކުރާނެ އެވެ.