ގއ. ދާންދޫގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ނަން ހާމަނުކުރުމަށް އެދި ދާއްދޫ ކައުންސިލަރަކު އަވަސް އަށް ވިދާޅުވި ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
ހައްޔަރު ކުރީ ތިން ބިދޭސީ އަކާއި ދިވެހި ދެ އަންހެނުނާއި ދިވެހި ދެ ފިރިހެނުންނެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދިވެހި އަންހެނުންނަކީ ފުވައްމުލަކު ބައެކެވެ. ފިރިހެނުންގެ ތަފްސީލް އެނގޭ ގޮތެއް ނުވި އެވެ.
ކައުންސިލަރު ވިދާޅުވީ ހައްޔަރުކުރި މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އަދި ހަށިވިއްކުމުގެ އަމަލުތައް ރަށުގައި ހިނގާތާ ހަފްތާއެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިމައްސަލާގައި ފުލުހުން ބުނީ ދާންދޫގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ ބިދޭސީންގެ އަދަދުވެސް އަންނަނީ ގިނަވަމުންނެވެ.