މޯލްޑިވްސް ޕޮލިސް ސާވިސް

ފޭރުމުގެ މައްސަލައިގައި ދެ މީހަކު ހޯދަނީ

ފޭރުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުސް އިދާރާއިން ބުނީ އެ މީހުންނަކީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި މަގުމަތިން ހިނގާފައިދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދާ ބަޔެއް ކަމަށެވެ.

އެމީހުން މަގުމަތީގައި ހިނގަމުންދާ ވީޑިއޯ އެއްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ދެ މީހުންގެ މޫނު ސާފުކޮށެއް ނުފެނެ އެވެ. މާސްކް އަޅައިގެން ތިބުމުގެ ސަބަބުންނެވެ. އެކަކު ހުރީ ކަޅު ކުލައި އަތް ކުރު ކަޅު ގަމީހެއް ލައިގެނެވެ. އޭނާ ހުރީ ތޮއްފެއް ވެސް އަޅައިގެނެވެ.

ދެވަނަ މީހާ ހުރީ އަތް ދިގު ހުދުކުލައިގެ ގަމީހެއް ލައިގެނެވެ. ފުރަތަމަ މީހާގެ ފަހަތުން އޭނާ ހިނގަމުން ދިޔަ އެވެ.

ފުލުހުން ބުނީ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މިފަދަ ކުށްތައް ހިންގާ މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ވެސް ވަރަށް ބޮޑެވެ.