ރިޕޯޓް

ކޮބާ ޓެކްސީ؟ މި ފަހަރު ލިބޭނެތަ؟

  • މިހާރު 60 އަށްވުރެ ގިނަ ޓެކްސީ ހިމެނޭ
  • ބޭނުން ދުވަހަކަށް ޓެކްސީ ބުކް ކޮށްލެވޭ

ޓެކްސީގެ މައްސަލަތަކީ ވާހަކަ ދައްކައި ކޮޅުންލާނެ ކަމެއް ނޫނެވެ. މިއީ އާއްމުން އެންމެ ބޮޑަށް ނައްޓާ އަދި އެންމެ ބޮޑަށް ރަތަށް އަރާ ވެސް މައްސަލަ އެވެ. ޓެކްސީ ހޯދަން އުޅެ ނުލިބިގެން ޝަކުވާ އޮއްސާ މީހުން މި ވަގުތު ވެސް ތިބޭނެކަން ޔަގީނެވެ. މިކަމަށް ހައްލު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީ މިވަނީ އަނެއްކާ ވެސް އާ ފަންޑިތައެއް ހަދާފަ އެވެ.މި ފަހަރު ތައާރަފުކޮށްފައި މިވަނީ އޮންލައިން ޓެކްސީ އެޕްލިކޭޝަނެކެވެ. އޮންލައިން ނިޒާމެކެވެ. މި ނިޒާމުން ޓެކްސީ ހޯދަން ފަސޭހަ ވާނެކަމަށް މިނިސްޓްރީން ދެކެ އެވެ. މި ނިޒާމާއެކު ޓެކްސީ ލިބުމަށް ލުޔެއް ލިބޭނެ ހެއްޔެވެ؟ ކޮބާ ޓެކްސީ މި ފަހަރު ލިބޭނެ ހެއްޔެވެ؟

"މި ހިދުމަތް ތައާރަފު ނުކޮށް މަޑުކުރީ ވެސް ހިދުމަތް ރަނގަޅަށް ތައާރަފު ކުރަން. އެހެންވެ މި ނިޒާމު ފުރަތަމަ ތައާރަފު ކުރާއިރު ގިނަ އަދަދެއްގެ ޓެކްސީވަނީ ބައިވެރިވެފައި،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދު ރަޝީދު ނާފިޒު ވިދާޅުވި އެވެ.

ގިނަ ޓެކްސީ ޑްރައިވަރުން ވަރަށް ބޯހަރުވާނެ އެވެ. މި ނިޒާމު ތައާރަފު ކުރަން އުޅުމުންވެސް ޑައިވަރުން ވަނީ މިއީ ފީކަޅާ އެއްޗެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ޓްރާންސްޕޯޓުން ބުނި ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން ޓެކްސީ ހޯދަން އުފުލަންޖެހޭ ބުރައަށް ލުއިކަމެއް ލިބިގެންދާނެ އެވެ.

"ކޮބާ ޓެކްސީ" އެޕުން ލިބޭނީ ކޮން ފަސޭހައެއް؟

އަމިއްލަ ކުންފުންޏެއް ކަމަށްވާ، "ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުން" ތަރައްގީކޮށްފައިވާ މި އެޕްލިކޭޝަން ތައާރަފުކޮށްފައިވަނީ "5656" ޓެކްސީ ސެންޓަރުގެ ޓެކްސީ ތަކަށެވެ. މި އެޕްލިކޭޝަން މިހާރު އެޕްސްޓޯރުންނާއި ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އެ އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު ޓެކްސީއެއް ހޯދުމަށް ފޯނުގެ ޖީޕީއެސް ލޮކޭޝަން ފީޗާ އާއި ވައިފައި ނޫނީ ތްރީޖީ އޮން ކޮށްފައި ބަހައްޓަން ޖެހެ އެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބޭނުން ކުރަން ފަސޭހަ ގޮތްތައް ބަލައިގެންނެވެ. މިގޮތުން ޓެކްސީ ސެންޓަރަށް ގުޅުމުގެ ބަދަލުގައި މި އެޕް ބޭނުން ކޮށްގެން ޓެކްސީ ހޯދޭނެ އެވެ. މި އެޕް މެދުވެރިކޮށް ގެއާ ނުވަތަ އޮފީހާ އެންމެ ކައިރީގައި އުޅެނީ ކޮން ޓެކްސީއެއްކަން އެނގެ އެވެ. އަދި ބޭނުންވާ ގަޑިއަކަށް ޓެކްސީ ބުކްކޮށްލުމުގެ ފުރުސަތު ވެސް ލިބެ އެވެ. މިގޮތުން މި އެޕް ފަރުމާކޮށްފައިވާ ގޮތުން ޓެކްސީ އަންނަން ބޭނުންވާ ލޮކޭޝަން ޖެހުމަށްފަހު ކޮންފޯމް ކޮށްލުމުން އެންމެ ކައިރީގައި އޮތް ޓެކްސީއަކަށް އެ މައުލޫމާތު ދާނެ އެވެ. އަދި ޑްރައިވަރު ދަތުރު ނެގުމުން ދަތުރު ޓެކްސީ ހޯދާ މީހާއަށް ޓެކްސީގެ މައުލޫމާތާއި ޓެކްސީއަށް އާދެވޭނެ ވަގުތު ބުނެދޭނެ އެވެ. މީގެ އިތުރުން އެޕް ފަރުމާކޮށްފައިވާ ގޮތުން ގޫގުލް މެދުވެރިކޮށް ޓެކްސީ އޮތް ހިސާބު ބަލައިލުމުގެ ފުރުސަތު ވެސް ލިބެ އެވެ.

އާއްމުން ދެކެނީ ކިހިނެއް؟ އަދި ނޭނގެ!!

"ކޮބާ ޓެކްސީ" އެޕް ތައާރަފުކޮށްފައިވާއިރު ގިނަ ބަޔަކަށް އަދި މި އެޕްގެ މާގިނަ މައުލޫމާތެއް ނޭނގެ އެވެ. ގިނަ ބަޔަކަށް އަދި ވާނުވާއެއް އެނގޭ ގޮތެއް ނުވެ އެވެ.ސަބަބަކީ މި ނިޒާމު ރާއްޖެއަށް އާވުމެވެ.

ޓެކްސީގައި ދަތުރުކުރާ ޒުވާން އަންހެން ކުއްޖަކު ބުނީ މި އެޕުގެ މާގިނަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

"މީގެ މާގިނަ މައުލޫމާތެއް އަދި ނޭނގެ،" އެ އަންހެން ކުއްޖާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި އެޕް ކުޑަކޮށް ބަލައިލިއިރު ޓެކްސީ މަދުކަން ފާހަގަ ކުރެވެ އެވެ.

"މި އެޕުގައި ގިނަ ޓެކްސީތައް ހިމަނަން ޖެހޭ. އެހެންނޫނީ ބޭނުމެއް ނެތް،" އަންހެން ކުއްޖާ ބުންޏެވެ.

ޓެކްސީގައި ކޮންމެ ދުވަހަކު ދަތުރުކުރާ ދެ ކުދިންގެ މަންމައެއް ކަމަށްވާ އައިމިނަތު ރަޝީދާ ބުނީ މި ހިދުމަތަކީ ކޮންމެހެން ވެސް ރާއްޖެއަށް މުހިންމު ހިދުމަތެއް ކަމަށެވެ.

"މިހާރު ކޮންމެ މީހަކު އަތުގައި ފޯނެއް އޮވޭ. އެހެންވެ މި ރާއްޖެއަށް ވަރަށް ކަމުދާނެ. މިއީ މީހުން ގިނަ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ އެއްޗެއް. އެހެންވެ މި ރާއްޖެއަށް ވެސް ރަނގަޅު ވާނެ،" އައިޝަތު ބުންޏެވެ.

ޓެކްސީ އެޕް މިވަނީ ތައާރަފުކޮށްފަ އެވެ. ދެން އޮތީ އެޕްގެ ބޭނުން ކުރުމެވެ. މީގެ ހުރި ފަސޭހަކަމާ އުނދަގޫ ވެސް އެނގޭނީ އޭރުންނެވެ. މި ބޭނުން ކުރުމުން "ކޮބާ ޓެކްސީ" މިފަހަރު ލިބޭކަން ވެސް އެނގޭނެ އެވެ.