ރާއްޖެ ކުޅިވަރު

ފަހު ވަގުތު މާޒިޔާ އަތުން ވެލެންސިއާ ބަލިވެއްޖެ

މެޗުގެ އިތުރު ވަގުތުގައި ޕަބްލޯ ރޮޑްރިގޭޒް ޖެހި ގޯލުން މާޒިޔާ އަތުން 2-1އިން ވެލެންސިއާ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ބަލިވެއްޖެ އެވެ.

ގިނަ ވަގުތު ވެލެންސިއާއިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު މެޗުގައި ލީޑް ހޯދީ މާޒިޔާ އެވެ. އެއީ 27 ވަނަ މިނިޓްގައި އަހުމަދު ނާޝިދު (ނާއްޓޭ) ހާފުގެ މެދަށްވުރެ ޕެނަލްޓީއޭރިޔާއާ ކައިރީގައި ހުރެފައި ކީޕަރު ބޯމަތިން ގޯލަށް ފޮނުވާލި ބޯޅައިންނެވެ. އޭގެ ކުރިން ވެލެންސިއާއިން ލަނޑު ޖަހަން ލިބުނު ހުސް ދެ ފުރުސަތެއް ނަގާލި އެވެ.

ފަހުހާފުގައި ވެލެންސިއާ އަށް ނަތިޖާ ހަމަހަމަކޮށްދިނީ ހަންސްލޭ އަވީލޯ އެވެ.

ދެ ޓީމު ހަމަހަމަވެގެން މެޗު ނިމެން ދަނިކޮށް މާޒިޔާ މޮޅުކޮށްދިނީ އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން ޕަބްލޯ ޖެހި ގޯލުންނެވެ.

މެޗަށް ފަހު ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ މާޒިޔާ އަށް ހުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ ވެލެންސިއާ ކަމަށާއި ބަލިވީ ކުޅުންތެރިންނަށް ވިސްނާ ނުލެވިގެން ކަމަށެވެ.

"ބޮލުން ކުޅެންޖެހޭ ވަގުތު ބޮލުން ނުކުޅެވުނީ. ނަތިޖާ ފިޔަވައި އެހެން ހުރިހާ ކަމަކާ މެދު ހިތްހަމަޖެހޭ މި މެޗުގައި. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިއްބަސް މާޒިޔާ އަށް ވުރެ ވެލެންސިއާ ރަނގަޅު މި މެޗުގައި،" ޝިބާއު ބުންޏެވެ.

އޭނާ ބުނީ ބާކީ ދެ މެޗު ކާމިޔާބުކޮށް ލީގުގެ ގަދަ ހަޔެއްގައި އޮވެވޭނެ ކަމަށް ވެލެންސިއާ ވަރަށް ބޮޑަށް ޔަގީން ކުރާ ކަމަށެވެ.

މިވަގުތު ވެލެންސިއާ އޮތީ 12 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. މާޒިޔާ އޮތީ 21 ޕޮއިންޓާއެކު ތިން ވަނާގަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ޓޭބަލުގައި ޓީމުތައް ވާދަކުރަމުން އަންނަ ގޮތަށް ބަލާއިރު މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ނެތުމުން މެޗުގައި އެޑްވާންޓޭޖް އޮތީ ވެލެންސިއާ އަށް ކަމަށެވެ.

"ދެ ޓީމު ވަރަށް ހަމަހަމަށް ތަޅަމުން ގޮސް، މާޒިޔާ އަށް ނަސީބު ލައްވާލީ މެޗުގެ ފަހުވަގުތު. މިއީ އަނެއްހެން ބަލާއިރު ވެލެންސިއާ އަށް އެޑްވާންޓޭޖް އޮތް މެޗެއް. ދެން މާޒިޔާ އޮތް ހާލަތަށް ބަލާއިރު ކުޅުމާއި ނަތީޖާއާ މެދު ވެސް ހިތްހަމަޖެހޭ،" ސުޒޭން ބުންޏެވެ.

ލީގުގައި އިއްޔެ ހަވީރު އީގަލްސް އާއި ޓޭބަލުގެ ފުލަށް ދިއުމުގެ ސަބަބުން ރެލިގޭޓްވެފައިވާ މަހިބަދޫ ކުޅުނު މެޗު 7-1އިން ކާމިޔާބު ކުރީ އީގަލްސް އެވެ. މި ނަތީޖާއާއެކު އީގަލްސް އޮތީ 20 ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭނީ 24 ޕޮއިންޓާއެކު ދެ ވަނާގައިވާ ޓީސީ އާއި 12 ޕޮއިންޓާއެކު ހަ ވަނާގައިވާ ބީޖީ އެވެ. މިރޭ ކުޅޭނީ ޗެމްޕިއަން އަދި ޓޭބަލުގެ ކުރީގައި އޮތް ނިއު އާއި ވިކްޓަރީ އެވެ. ނިއު އަށް 26 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.