މާޒިޔާ ސްޕޯޓްސް ކުލަބަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވެލެންސިއާ ކޮޅަށް އިތުރު ވަގުތުގައި ޖެހި ލަނޑުން 2-1އިން މެޗު ކާމިޔާބު ކުރުމަށްފަހު ސުޒޭން ބުނީ ގައުމީ ޓީމަށް ނެގި މާޒިޔާގެ ގިނަ ކުޅުންތެރިންނަށް އަދިވެސް އަނިޔާއިން ސަލާމަތްނުވެވޭ ކަމަށެވެ.
"އުމޭރު އެހުރީ އަނިޔާގައި. ކުޅެވޭނެ ދުވަހެއް ވެސް ނޭނގެ. ނާއްޓޭ އެއުޅެނީ އަނިޔާއިން ސަލާމަތްނުވެވިގެން. އާއްކޮވެސް އެހާލެއްގަ އެހުރީ. މިރޭ ވެސް ކުޅެން ނެރުނީ ފިޓްނުވެ ހުއްޓާ. އިރޭ ވެސް އެހުރީ އަނިޔާގައި. އަސަދުﷲ ވެސް ވަރަށް ފަހުން މެޗު ކުޅެވޭ ވަރަށް ފިޓްއެވީ. އެހެންވީމަ މިވަގުތު މާޒިޔާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއީ،" ސުޒޭން ބުންޏެވެ.
އަނިޔާގެ މައްސަލަ ސުޒޭން ފާހަގަ ކުރިއިރު އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ޖިވްކޯ ޓޮޑޮރޯވް މި ސީޒަނުގެ މެދުތެރެއިން ފޮނުވާލަންޖެހުނީ ވެސް އަނިޔާވެގެންނެވެ. އަދި ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ވެސް އަނިޔާގެ ސަބަބުން މި ފަހުން މާޒިޔާ ކުޅުނު މެޗުތަކުގައި ނުކުޅެ ހުރުމަށްފަހު ކުޅެން ނުކުތީ ރޭގަ އެވެ. ގޯލްކީޕަރު އިމްރާނު މުހައްމަދަށް އަނިޔާވީ ގައުމީ ޓީމަށް ކުޅެނިކޮށެވެ. ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އަށް ސީޒަނުގައި އަދި ނުކުޅެ އެވެ.
"މާޒިޔާ އަށް މި ފަހަރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަނިޔާގެ މައްސަލައަކީ. ގައުމީ ޓީމަށް ގޮސްފައި ކުޅުންތެރިން އަންނައިރު އަނިޔާގެ މައްސަލްބޮޑުވެފައިވަނީ. އޭގެ އިތުރުން މާޒިޔާ މި ސީޒަނުގެ ގިނަ މެޗުތައް މި ކުޅުނީ ގައުމީ ޓީމުން ކުޅުންތެރިން އައިސް ދެ ދުވަހެއްގައި ޕްރެކްޓިސް ކޮށްލާފައި. ބައެއް ޓީމުތައް ފުލް ސްކޮޑާއެކު މުޅި ސީޒަން ޕްރެކްޓިސް ކުރޭ. އެ ތަފާތު މާޒިޔާއިން އެބަދައްކާ،" ސުޒޭން ބުންޏެވެ.
ދިވެހި ލީގުގައި މާޒިޔާ އަށް މާބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް އެ ޓީމު ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދައިފަ އެވެ.