އާރްޑީސީ

އާރުޑީސީ ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާރުޑީސީގެ އޮފީސް ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. މިއީ އެ އޮފީސް ފަޅާލަން މަސައްކަތް ކުރި ފަސް ވަނަ ފަހަރެވެ.

އެ އޮފީހުގެ އޮފިޝަލަކު ބުނީ ރޭގެ ވަގުތެއްގައި އެ އޮފީސް ފަޅާލަން އުޅުނު މީހަކު ހުއްޓުވާފައިވާ ކަަމަށެވެ. އެ މީހާ ހުއްޓުވީ އާރުޑީސީގެ ޑިއުޓީގައި ތިބި މުވައްޒިފުން ކަމަށާ އޭނާ އަތުލައިގަތީ ފުރާޅުމަތީ އޮއްވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ މީހާ އަތުލައިގަތުމަށް ފަހު ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު އާރުޑީސީގެ މުވައްޒިފުންނާއި އެ މީހާ ވާހަކަ ދެއްކިއެވެ.

އެ މީހާ ބުނީ އޭނާ އައީ ވައްކަން ކުރަން ނޫން ކަމަށާ އޭނާ ފުރާޅު މައްޗަށް އެރީ އޭނާގެ ޖިންސަކާއި ޓީޝާޓެއް ބާއްވާފައި އޮތުމުން ކަމަށެވެ. އަދި އެއީ ކުރީ ރޭ އައިސް ބާއްވާފައި ދެވުނު އެއްޗެހިތަކެއް ކަމަށެވެ. އަންނައުނު ބަލާ އައީ ލާނެ އިތުރު އެއްޗެއް ނެތުމުން ކަަމަށްވެސް ވަނީ ބުނެފައެވެ.