ލައިފްސްޓައިލް

ހަރުފަ ވިހައަށް ބޭސްކުރާ މީހާ ހަރުފަ ވިހާގައި މަރު

ހަރުފަ ވިހަލާ މީހުނަށް ބޭސް ކޮށްދީ އުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހަކު ހަރުފައެއް ވިހަލައިގެން މަރުވެއްޖެ އެވެ. އިންޑިޔާގެ ބިހާރުގައި ދިރިއުޅޭ މި ފިރިހެންމީހާގެ ފައިގައި ހަރުފަ ދަތް އެޅީ އެ ސޮރުގެ ގައިގައި ރާކީ -- އަޚުވަންތަކަމުގެ ގުޅުން ބަދަހިކުރަން އިންޑިޔާ މީހުން ފާހަގަ ކުރާ ދުވަހެއްގައި އަތުގައި ބަންނަ އެތިކޮޅެއް -- ބަންނަން އުޅެނިކޮށެވެ. މި މީހާ ރާކީ ބަންނަން ގެންގުޅުނީ ދެ ހަރުފަ އެކެވެ. އޭނާ މަރުވީ ނުވިސްނާ ހުއްޓާ އެތަނުން އެކަތި ކުއްލިއަކަށް ފައިގައި ދަތް އެޅުމުން ވިހަ ވެގެންނެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި މަރުވި މީހަކީ 25 އަހަރުގެ މަންމޯހަން އެވެ. އޭނާއަކީ ހަރުފަ ނައްޓާ މީހެކެވެ. އޭނާ ހަރުފަ ދެކެ ވާ ލޯބިން އެ ސޮރުމެންނާ އޭނާއާ އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ސޮރުމެންގެ ގައިގައި ރާކީ ބަންނަން އުޅުނީ އެވެ. ނަމަވެސް ރާކީ ބަނުމުގެ ތެރޭގައި އެތަނުން އެހަރުފަ މަންމޯހަންގެ ފައިގައި ދަތް އެޅީ އެވެ. އެ ވަގުތު އޭނާއަށް މާ ބޮޑަށް ތަދު އިހްސާސް ނުވިޔަސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ވިހައިގެ އަސަރުކޮށް ހާލު ގޯސްވި އެވެ.

ހަރުފަ ދަތް އަޅާ މަންޒަރު ފެންނަ ވީޑީއޯ

މި މަންޒަރު އެތައް ބަޔަކު ވީޑިއޯ ކޮށްފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި މި ވީޑިއޯ ދަނީ ދައުރު ވަމުންނެވެ. ވީޑިއޯ އިން ފެންނަނީ މަންމޯހަން އަތުން ދެ ހަރުފައިގެ ނިގުލުގައި ހިފައިގެން އުޅޭ ތަނެވެ. މިގޮތަށް ހަރުފައެއްގެ ގައިގައި ރާކީ ބަނުމަކީ އެހެން މީހުން ނުކުރާ އާ ކަމަކަށް ވާތީ އެ އަވަށުގެ ގިނަ ބަޔަކު ވެސް އެ ވަގުތު އެ މަންޒަރު ބަލަން އެއްވެ ތިއްބެވެ. އަދި ގިނަ ބަޔަކު ދިޔައީ އެމީހުންގެ ފޯނު ތަކުން މި މަންޒަރު ވީޑިއޯ ކުރަމުންނެވެ. އެހެންކަމުން މަންމޯހަންގެ ފައިގައި ހަރުފަ ދަތް އަޅާތަނާއި އޭނާގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވަނީ ވީޑިއޯ ކުރެވިފަ އެވެ.

މަންމޯހަން އެ ހަރުފައިގައި ރާކީ ބަނުމަށް ސަމާލުކަން ދީގެން އުޅެނިކޮށް އަނެއް ހަރުފަ ކުއްލިއަކަށް އައިސް އޭނާގެ ފައިގައި ދަތް އެޅީ އެވެ. ކުއްލިއަކަށް ވީ ތަދުން އޭނާ ފަޔަށް ބަލާލާފައި މާ ބޮޑުކަމެއް ނުވާ ފަދަ ގޮތަކަށް އުޅުނެވެ. ނަމަވެސް ދެ ތިން މިނިޓް ފަހުން ކުއްލިއަކަށް އޭނާގެ ހާލު ދެރަވާން ފެށީ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ އެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މަންމޯހަން އަކީ އަނިޔާވެފައި ތިބޭ ހަރުފައަށް ފަރުވާކޮށްދީ ފަސޭހަ ކޮށްދިނުމުގެ މަސައްކަތުގައި 10 ވަރަކަށް އަހަރު އުޅެފައިވާ މީހެކެވެ. އަދި އެ އަވަށުގެ އެތައް ސަތޭކަ ބަޔެއްގެ ގަޔަށް ހަރުފަ ވިހަލުމުން ފަރުވާ ކޮށްދެނީވެސް އޭނާ އެވެ. އެހެންވެ ހަރުފައެއް ވިހަލައިގެން އޭނާ މަރުވެދާނެ ކަމަކަށް އެ އަވަށުގެ މީހުންނަކަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.

ތިމާވެއްޓާ ލޯބިކުރާ މަންމޯހަން އަކީ މީހުން ދިރިއުޅޭ ހިސާބަށް އަންނަ ހަރުފަތައް އަނބުރާ ޖަންގަޔަށް ގެންގޮސް ހަދައިދޭ ވެސް މީހެކެވެ. އެހެންވެ ހަރުފައެއްގެ ވިހައިން އޭނާ މަރުވުމުން މުޅި އަވަށް ވަނީ ހިތާމައިގެ ސާލެއް ލެވިފަ އެވެ.