ދައުލަތުގެ ބަޖެޓް

2022 ބަޖެޓް: އާމްދަނީ 23.6 ބިލިއަން، ހަރަދު 33.8

އަންނަ އަހަރުގެ ދައުލަތަށް އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބޭއިރު، ހަރަދުގެ ގޮތުގައި 35 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފި އެވެ.

އަންނަ އަހަރުގެ ހަރަދާއި އާމްދަނީ ހުންނާނެ މިންވަރުގެ މައްޗަށް ބަލައި، ފިނޭންސް މިނިސްޓްރީން އާއްމުކުރި ކުރު މުއްދަތުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން ހިލޭ އެހީއާއެކު އަންނަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 14.7 ބިލިއަން ރުފިޔާ އެވެ. ޖީއެސްޓީން 2.5 ބިލިއަން ރުފިޔާ ލިބޭއިރު، ޓޫރިޒަމް ޓެކުހުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 4.4 ބިލިއަން ރުފިޔާ އެވެ.

2022 ބަޖެޓުގެ އާމްދަނީގެ އަންދާޒާ

  • އެއާޕޯޓް ސާވިސް ޗާޖު: 528.2 މިލިއަން
  • ގްރީން ޓެކްސް: 823.3 މިލިއަން
  • ޓެކްސް ނޫން ގޮތްގޮތުން 5.3 ބިލިއަން
  • އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ (އޭޑީސީ) 533.5 މިލިއަން
  • ޕްރޮޕަޓީ އިންކަމް: 1.6 ބިލިއަން
  • ހިލޭ އެހީއަށް ދެ ބިލިއަން
  • އާމްދަނީ ހޯދުމުގެ އާ ކަންތައްތަކުން 1.3 ބިލިއަން

ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފައިވާ ގޮތުގައި މި އަހަރު އާމްދަނީ ހޯދަން ހިމެނި އާ ގިނަ ކަންތަތަކުން އާމްދަނީއެއް ނުލިބޭނެ އެވެ. ނަމަވެސް އޭއެސްސީ އާއި އޭޑީއެފްއިން އާމްދަނީ ލިބެން ފަށާނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަންނަ އަހަރުގެ ބަޖެޓަށް ރިސޯޓު ކުއްޔަށް ދީގެންނާއި ރިއަލް އެސްޓޭޓް ޓޫރިޒަމުން 100 މިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން އެކްސްޕެޓްރިއޭޓް ކޯޓާފީ އާއި ރެސިޑެންސް ޕާމިޓް ފީއިން ވެސް އަންނަ އަހަރު އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ބިން ވިއްކައިގެން އަންނަ އަހަރު 150 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ސްޕެކްޓަރަމް ޗާޖުން 60 މިލިއަން ރުފިޔާ އަދި ޕާކިން ފީއިން ނުވަ މިލިއަން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ހަރަދު 37 33.8 ބިލިއަން

މި ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު ދައުލަތުގެ ހަރަދު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 33.8 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ބަޖެޓުގެ ހަރަދު ހުންނާނީ 37 ބިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން ބޭސްލައިން ބަޖެޓުގެ ހަރަދަކީ 36 ބިލިއަން ރުފިޔާ އެވެ.

2022 ބަޖެޓުގެ އަންދާޒާ ކުރެވޭ ހަރަދު

  • ރިކަރަންޓް ހަރަދު 21 ބިލިއަން ރުފިޔާ'
  • ކެޕިޓަލް ހަރަދު 12.5 ބިލިއަން ރުފިޔާ
  • ކައުންސިލްތަކަށް އެހީގެ ގޮތުގައި (ބްލިކް ގްރާންޓް) 1.3 ބިލިއަން

ފިނޭންސް މިނިސްޓްރީން ދަނީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލީހަށް މިމަސް ނިމުމުގެ ކުރިން ފޮނުވަން ޖެހޭނެ އެވެ. މިހާރު އަންދާޒާ ކުރެވޭ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ވެސް މިއަހަރުގެ ބަޖެޓާ ގާތް ކުރާނެ އެވެ. ބެލެވޭ ގޮތުގައި ޖުމްލަ ބަޖެޓު ހުންނާނީ 35 ބިލިއަން ރުފިޔާ އާއި 37 ބިލިއަން ރުފިޔާއާ ދެމެދުގަ އެވެ.