އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނިކޮށް ލޭޒާ ލައިޓް އެޅުވި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ ދެވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ގަމަށް ޖައްސަން އުޅެނިކޮށް ލޭޒާ ލައިޓް އެޅުވުމުންނެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް، މޫސާ ވަސީމު ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށާއި އައްޑޫ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ގެންދިޔަކަން އަވަސް އަށް ޔަގީން ކޮށްދެއްވާފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މޫސަ ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
އައިލެންޑް އޭވިއޭޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިދިއަ ހަފުތާގެ ތެރޭގައި ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަންގެ ފްލައިޓް، Q2-106 ގަމަށް ޖައްސަން އުޅެނިކޮށް ފެހި ކުލައިގެ އައްޔެއް އެޅުވި މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ޖައްސަންދާ ފްލައިޓަކަށް އެގޮތަށް ލޭޒާ ލައިޓް އެޅުވުމަކީ ކޮކްޕިޓްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރައި ބޯޓުގެ ކޮންޓްރޯލް ގެއްލުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅި ނަމަވެސް މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.