ހައުސިން ޔުނިޓް

ފްލެޓުން 15 ޕަސެންޓްގެ ޓެކުހެއް: އިމާރާތުގެ އަގު ބޮޑު ވެދާނެތަ؟

  • މި ޓެކުހާ ކުންފުނިތައް ދެކޮޅު
  • ފްލެޓުން ނަގާ ޓެކްސް 21 ޕަސެންޓަށް އުފުލޭ
  • ސޯޝަލް ހައުސިންއިން ޓެކްސް ނުނަގާނެ

ރާއްޖޭގައި ގެދޮރުގެ ދަތިކަން ބޮޑެވެ. މިކަން އެނގެނީ ފްލެޓެއް އިއުލާނު ކޮށްލުމުންނެވެ. މިކަމުގައި ސޯޝަލް ބޭނުމަށް ދޫކުރާ ފްލެޓްތަކާއި އަމިއްލަ ކުންފުނިތަކުން ހަދާ ފްލެޓްތަކުގެ ތަފާތެއް ނެތެވެ. ޑިމާންޑަށް ބަދަލެއް ނާދެ އެވެ. މިއީ ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާވުމުގެ އެއް ސަބަބެވެ.

މިހެންމިކަން އޮއްވައި ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިވަނީ ސޯޝަލް ބޭނުން ފިޔަވައި، އެހެން ބޭނުންތަކަށް ހަދާ ފްލެޓުން 15 ޕަސެންޓުގެ ޓެކުހެއް ނަގަން ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން ފްލެޓު ހަދާ މީހުން، ފްލެޓް ވިއްކާނީ 15 ޕަސެންޓުގެ ޓެކުހެއް ލާފަ އެވެ. ސުވާލަކީ މީގެ ސަބަބުން ފްލެޓުގެ އަގުތައް ބޮޑުވާނެ ހެއްޔެވެ؟ މި ކަމުން ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރިއަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟

"އަޅުގަނޑުމެން މި ޓެކުހުގެ ސަބަބުން އަންނާނެ ބަދަލުތަކުގެ ވާހަކަ ވަރަށް ބޮޑަށް ކޮމެޓީގައި ދެއްކިން. ނަމަވެސް މިގޮތަށް ނިންމުމުން ޖެހޭނީ އަގު ބަދަލުކުރަން. ދެން ވިއްކާ ފްލެޓުތަކުގައި އަގަށް އަންނަ ބަދަލު އަންނާނެކަން އަންގަން ޖެހޭނީ. ދެން އަގު ހެޔޮވާނެ އެހެން ގޮތްތައް ބަލަން ޖެހޭނީ،" ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ ޖަމިއްޔާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އިއްޔެ ވަނީ ވިއްކާ އިމާރާތާއި ފްލެޓުން 15 ޕަސެންޓް ޓެކުހެއް ނަގަން ނިންމާފަ އެވެ. މި ނިންމުމާއެކު މިހާރު ނަގާ ހަ ޕަސެންޓުގެ ޖީއެސްޓީ ހިމެނުމުން ފްލެޓުން ނަގާ ޓެކުހުގެ އަދަދު 21 ޕަސެންޓަށް އުފުލިގެންދާނެ އެވެ. ނަމަވެސް މީގައި ސޯޝަލް ހައުސިން އިސްތިސްނާ ވެ އެވެ. ދެން އޮތީ މި ނިންމުން މަޖިލީހުން ފާސްކޮށްފިނަމަ ފްލެޓުގެ އަގު ބޮޑުވާނެ ތޯ ކުރެވޭ ސުވާލެކެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތެރިވާ ގިނަ ކުންފުނިތަކުން ބުނާ ގޮތުގައި ޓެކްސް ބޮޑު ކުރުމުން ފްލެޓު ގަންނަ މީހުންނަށް އިތުރު "ބުރައަކަށް" ވެގެންދާނެއެވެ. މިއީ ފްލެޓު އަގު ބޮޑު ކުރަން މަޖުބޫރުވާނެ ސަބަބެއް ކަމަށް ކުންފުނިތަކުން ގަބޫލު ކުރެ އެވެ.

ފުޅާ ދާއިރާއެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މި ޓެކުހުގެ ބުރަ އެންމެ ބޮޑުވާނީ ފްލެޓް ގަންނަ މީހާއަށް ކަމަށެވެ.

"ޓެކްސް ބޮޑު ކުރުމުން ގަންނަ މީހުންނަށް ބޮޑު ވާނީ. ފަނަރަ ޕަސެންޓް ލާނަމަ ދެން ވިއްކަން ޖެހޭނީ މިހާރުވެސް ކޮންސްޓްރަކްޝަން މެޓީރިއަލްގެ ޑިއުޓީ ވެސް ލާން ޖެހޭ. މި ލުމުން އަގު ބޮޑު ވެގެން ދާނީ،" 'ރެހެންދި ފްލެޓްތައް' އިމާރާތްކުރި ކުންފުނީގެ އެމްޑީ ވަހީދު ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ދާދިފަހުން އިންވެސްޓްކޮށްފައިވާ އެސްއެންޕީޑީ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ވިދާޅުވީ މީގެ ސަބަބުން އަގު ބޮޑުވާނީ ފްލެޓް ގަންނަ މީހުންނަށް ކަމަށެވެ.

"އާއްމުކޮށް ފްލެޓެއް މި ގަންނަނީ ގެ އެއް ނެތް މީހުން. ކޮންމެ ފަހަރު ފްލެޓް މި ގަންނަނީ މުއްސަންދިންނެއް ނޫން. އެ މީހުން ޕޭކުރަން ޖެހެނީ އެ މީހުންގެ މުސާރައިން. އެކަން މައްސަލައަކަށް ވާނީ ގަންނަ މީހާއަށް،" ޝަރީފު ވިދާޅުވި އެވެ.

ރިއަލްއެސްޓޭޓް ވިޔަފާރިއަށް އޮތީ ކޮން މައްސަލައެއް؟

މިފަދަ ޓެކުހެއް ނަގައިފިނަމަ، ރާއްޖޭގައި އުފެދި ތަސައްރަފު ފުދެމުންދާ ރިއަލްއެސްޓޭޓް ވިޔަފާރިއަށް މައްސަލަތަކާ ކުރިމަތިލުމުގެ ފުރުސަތު ބޮޑު ކަމަށް ކުންފުނިތަކުން ބުނެ އެވެ. މި ކަންބޮޑުވުން މަސީން ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ފާހަގަކޮށްފަ އެވެ.

މަސީ ތަމްސީލް ކުރައްވަމުން، އެ ޖަމިއްޔާގެ އެޑްވައިޒަރީ ކޮމެޓީގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގު ވިދާޅުވެފައިވަނީ 15 ޕަސެންޓް ޓެކުހުގެ ސަބަބުން ރިއަލްއެސްޓް ދާއިރާއަށް ނުރައްކާ އެބައޮތް ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ފްލެޓުގެ އަގު ބޮޑުވެއްޖެނަމަ ފްލެޓްތައް ނުވިކުމުގެ ފުރުސަތު އޮތުމެވެ.

މީގެ އިތުރުން ޓެކްސް ބޮޑު ކުރުމުން އިމާރާތް ކުރުމުގެ ދާއިރާއަށް އަލަށް ވަންނަން ތައްޔާރުވަމުންދާ ކުންފުނިތަކަށް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ކުންފުނިތަކުން ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ކުރިން ވާހަކަ ދެއްކި، ސައިިރިކްސް ޝަރީފު ވިދާޅުވީ މިކަމުން ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

"އިމާރާތް ހަދަން ލޯނު މި ލިބެނީ 11.5 ޕަސެންޓަށް. ރާއްޖޭގައި ރިއަލްއެސްޓޭޓް ބިޒްނަސް އަދި ފަށައިގަތީ. އެހެންވެ މި ވިޔަފާރިއަށް ދާން ވެސް ދަތިވާނެ. މީގެން ބޭރުން އަންނަ ބޮޑެތި ކުންފުނިތަކަށް މައްސަލަތަކެއް ކުރިމަތި ނުވެދާނެ. ނަމަވެސް ރާއްޖޭގެ ކުދި ކުންފުނިތައް މި ވިޔަފާރި އެބަ ފަށާ އެންމެ އިމާރާތަކުން. މިހެންވެ މީގެ ގެއްލުން ބޮޑު،" ޝަރީފު ވިދާޅުވި އެވެ.

ގަންނަ އިމާރާތާއި ފްލެޓުން 15 ޕަސެންޓުގެ ޓެކުހެއް ނެގަން ރައްޔިތުން މަޖިލީހުން މިދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އަދި ވެސް މިކަން ބަދަލު ކުރުމުގެ ފުރުސަތު މަޖިލީހަށް އެބަ އޮތެވެ. އެހެންކަމުން މިކަމަށް ދެވަނަ ވިސްނުމަކަށް ދިއުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެވިދާނެ އެވެ. ސަބަބަކީ މިކަމުން ފްލެޓް ގަންނަ މީހާގެ ޖީބަށް ބުރަ ވުމުގެ ފުރުސަތު އޮތުމެވެ.