މޯލްޑިވްސް ޕޮލިސް ސާވިސް

5 ރީޖަނަކަށް ފުލުހުންގެ ހިދުމަތް ބަހާލަނީ

Aug 31, 2021

ފުލުހުންގެ ހިދުމަތް ފަސް ރީޖަނަކަށް ބަހާލަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މި މަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ދެމުންދާ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގާއިމް ކޮށްފައިވާ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ރީޖަނަކަށް ބަދަލު ކުރެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އެ ރީޖަންތަކަށް ކޮމާންޑަރުން އައްޔަނުކޮށް، އެ ކޮމާންޑަރުންނަށް އިތުރު ބާރާއި، ވަސީލަތްތައް އަދި ހިދުމަތް ދިނުމަށް ފަހި ކުރެވިފައިވާ ބޭފުޅުންގެ ގޮތުގައި ހަމަޖެހިގެން ދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ބަދަލުގެ ސަބަބުން ރައްޔިތުންނާ ގާތުން ފުލުހުން ހިދުމަތް ދިނުމުގައި ފަސޭހަވާނެ ކަމަށާއި، ކުރިއަށް ގެންދަން ޖެހޭ މުހިއްމު މަސައްކަތްތަކުގައި އެބޭފުޅުންގެ ހުނަރުވެރި ކަމާއި, ގާބިލް ކަމާއެކުގައި ކުރިއަށް ދިއުމަށް މަގު ތަނަވަސްވެގެން ދާނެ ކަމަށެވެ.

"މި ބަދަލުގެ ސަބަބުން ހުރިހާކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުން ހިދުމަތް ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެކަމަށްޓަކައި ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.