ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީން ދައްކަމުންދާ ވާހަކަތަކަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޫނު ރައްދެއް ދެއްވައިފި އެވެ.
ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށެހެޅި ބިލަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އިދިކޮޅުގެ މެމްބަރުން ވަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ނަންގަވައިފަ އެވެ. މެމްބަރުން އެ މައްސަލަ ނަންގަވަމުން ދިޔައީ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅުން މިއަދު ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފައި ވަނި ކޮށެެވެ.
އިދިކޮޅުން ކެނޑިނޭޅި ފަނޑިޔާރުންގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން އިއްޔެއެކޭ އެއްފަދައިން މިއަދުވެސް މަޖިލިސް ވަރަށް ބޮޑަށް ހޫނުވެ މެމްބަރުން ކެނޑިނޭޅި ނިޒާމީ ނުކުތާ ނަންގަވަމުން ދިޔައެވެ.
އެގޮތުން ގާސިމް ވެސް ނިޒާމީ ނުކުތާ ނަންގަވައި އިދކޮޅުގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ގާސިމް މިއަދު ވިދާޅުވީ ފާނޑިޔާރުންނަކީ އެއްވެސް ފަރާތައްގެ ބިރު ނުފޫޒަކަށް ބޯލަނބަން ނުޖެހޭ ބައެއްކަމަށް ގާނޫނު އަސާސީގައި ވެސް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ސަރުކާރުގައި ގާސިމްއަށް ނުހައްގުން ހުކުމްކުރީ ކުރީގެ ސަރުކާރުގެ ނުފޫޒުން ކަމަށް ދޭހަވާ ގޮތަށް ކަމަށް ވިދާޅުވެ އެއިރު އިދިކޮޅުން އެކަމާ ކަންބޮޑުވުން ފާޅުނުކުރުން ގާސިމް ފާޑުވިދާޅުވި އެވެ.
"މި މައްސަލަ [ޔާމިންގެ ފަނޑިޔާރުންގެ] މިގޮތަށް އޮއްވައި އަޅުގަނޑު ކޯޓު ތެރޭގައި ހޭނެތިގެން ވެއްޓި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮއްވައި ކޮންފަރާތަކުން ކާކުތޯ ހުކުމްކުރީ. އެ ދުވަހު ކީއްވެތޯ އެއްވެސް މީހެއްގެ އަޑު ނެތީ." ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް ވުރެ ބޮޑު އަނިޔާވެރިއެއް އަދި ވަގެއް ވެސް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.
"އަޅުގަނޑަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ކްރިމިނަލް ކޯޓުން މެންދަމު ހުކުމްކޮށް ނިންމާލީ. އެހެންވީމާ އެވަރުގެ މީހެއް ކާކަށް ކޮން ބާރެއް އައިސްގެންތޯ އޭރު ތިބި ފަނޑިޔާރުންގެ ކިބައިން އައްސަވާ ބައްލަވާ" ގާސިމް ވިދާޅުވި އެވެ.