ބޮލީވުޑް

ދިލިޕް މަރުވިތާ މާގިނަ ދުވަހެއް ނުވެ ސާއިރާ ބަލިވެ އައިސީޔޫގައި

ފިރިއަކު ދެކެ އަންބަކު ލޯބިވާ ވަރުގެ ރަނގަޅު މިސާލަކަށް ދިލިޕް ކުމާރު ދެކެ ސާއިރާ ބާނޫ ވީ ލޯބީގެ މިސާލު ބަރާބަރު ވާނެ އެވެ.

ސާއިރާގެ ފިލްމީ ކެރިއަރާއި މުޅި ދިރިއުޅުން އޭނާ ގުރުބާން ކުރީ ދިލިޕް ކުމާރަށެވެ. ދިލިޕް ބަލިވެ އުޅޭތާ އެތައް ޒަމާނެއް ފަހުން މަރުވިއިރުވެސް ސާއިރާގެ ލޯތްބަކަށް އަދި ދިލިޕް އަށް އޭނާ ކޮށްދޭ ޚިދުމަތަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. މިއީ ދިލިޕް އާއި ސާއިރާ ދަންނަ ގިނަ ބަޔަކު މިހާރު ވެސް ދައްކާ ވާހަކަ އެކެވެ. އަދި އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ސާއިރާގެ ޓީންއޭޖް އުމުރުން ފެށިގެން އޭނާގެ ހިތް ހަދިޔާކޮށްފައި އޮތީ ދިިލިޕް އަށެވެ. ނަސީބު ދިމާކުރި ގޮތުން އެ ލޯބި ކާމިޔާބުކޮށް ދިލިޕްއާ ކައިވެނިކުރުމުގެ ފުރުސަތު ވެސް ސާއިރާ އަށް ލިބުނީ އެވެ. ވީމާ އެހާ ލޯބިވާ މީހަކާ އެކު ހަޔާތުގެ ދުވަސްތައް ހޭދަކުރުން ސާއިރާ ދުށީ އޭނާގެ ހެޔޮ ނަސީބުގެ ގޮތުގަ އެވެ.

ކައިވެނިކޮށްގެން އުޅޭތާ 54 އަހަރު ފަހުން ދިލިޕް އޭނާއާ ވަކިވެގެން ދިއުމުން ސާއިރާ އަށް އިންތިހާއަށް އަސަރު ކުރި އެވެ. ވަރަށް ބޮޑަށް ސްޓްރެސް ވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައް އޭނާގެ ހަށިގަނޑަށް ވެސް ކުރަން ފެށި އެވެ. އަދި ލޭގެ ޕްރެޝަރު މަތިވެގެން ގޮސް ދިމާވި އިތުރު މައްސަލަތަކެއްގައި މިހާރު އޭނާ އޮތީ ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ.

ސާއިރާގެ ގާތް އެކުވެރިޔާ ފައިސަލް ފާރޫގީ ބުނި ގޮތުގައި އައިސީޔޫގައި އޮތަސް ސާއިރާގެ ހާލު މާ ސީރިއަސް އެއް ނޫނެވެ. މޭގައި ވަރަށް ބޮޑަށް އިންފެކްޝަން ހުރުމާއި މި ދުވަސްވަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމެއް ފެތުރިފައި އޮތް ދުވަސްވަރަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ކަމަށް ވެސް ފާރޫގީ ބުންޏެވެ.

ފާރޫގީ އިތުރަށް ބުނި ގޮތުގައި ދިލިޕް މަރުވުމަށްފަހު އެ ލިބުނު ހިތާމަތަކާ ސާއިރާއަކަށް ކުޑަކޮށްވެސް ދުރަކަށް ނުދެވެ އެވެ. އަދި ބަލިހާލު ގޯސްވީ އެ ސްޓްރެސް މާބޮޑުވެގެންނެވެ. ނަމަވެސް ސާއިރާ އަށް ހާޓް އެޓޭކެއް ޖެހުނު ކަމަށް ބައެއް ނޫސްތަކުން ލިޔެފައިވާ ޚަބަރުތައް ފާރޫގީ ދޮގުކުރި އެވެ.

އުމުރުން 98 އަހަރުގައި ދިލިޕް މަރުވީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހަށް ފަހު ސާއިރާގެ ބަލި ބޮޑުވަމުން ގޮސް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ އެވެ.

"ކަލާއާ ވަކިން އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟" ދިލިޕް ވަކިވުމަށްފަހު ސާއިރާގެ އަނގައިން ބޭރުވީ ފުރަތަމަ ޖުމްލަ އަކީ މިއެވެ. އަދި އޭނާގެ ހާލަތު ގޯސްވަމުން ދަނީ ވެސް ފިރިމީހާގެ ވަކިވުމުގެ ހިތާމަ ތަހައްމަލު ނުކުރެވިގެންނެވެ.