ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް މަގާމުން ވަކިކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ އެ އޮފީހުން ދޮގުކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން ގްރިންޑަލް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެއީ ޔޫކޭ އަށް ނިސްބަތްވާ ބޭފުޅެކެވެ.
ސީއީއޯ ޖޯން މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަޒުނާ ވިދާޅުވީ ސީއީއޯ ޖޯން މަގާމުން ވަކި ނުކުރާ ކަމަށާއި ޖޯންގެ ޖިންސީ ފުރައްސާރައިގެ މަސައްލައެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް މީގެ ކުރިން ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޖޯނަކީ އިންޝުއަރެންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެކެވެ. ޕެންޝަން އޮފީހުން ބުނީ އޭނާ އަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރެންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.
ޖޯން ގްރިންޑަލް ވަނީ މީގެ ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީކަމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ އިތުރު އިނގިރޭސިވިލާތުގެ މާލީ އިދާރާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިންގް ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފަ އެވެ. އޭގެ އިތުރުން އޭނާ އަކީ ޑިފައިންޑް ކޮންޓްރިބިއުޝަން/ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ
ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީސް އުފެއްދެވުމަށްފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެތަނުގެ އެކްޓިން ސީއީއޯއަކަށް އެންމެ ފުރަތަމަ އައްޔަނުކުރައްވާފައިވަނީ ފަރީހާ ޝަރީފެވެ.