ރައީސް މުހައްމަދު ނަޝީދު

މާރާމާރީ ހިންގި މީހުން ހައްޔަރުކުރަން ގޮވާލައްވައިފި

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރި ހިންގި މީހުން ހައްޔަރުކުރުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މާރާމާރީ ހިނގީ މިއަދު މެންދުރު 12:30 ހާއިރު އެވެ. މާރާމާރީގައި އަންހެނަކަށް އަނިޔާވި އެވެ. އޭނާއަށް އޭޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.

މި މާރާމާރީގައި މަންދީގެ އިތުރުން ކޭޝިއަރަކަށް އުޅޭ ފިރިހެނަކު ވެސް ޒަހަމްވިއިރު، އެ ދެ މީހުންނަށް ހަމަލާ ދިނީ ޗޭނުގަނޑަކުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. މާރާމާރީގައި އަނިޔާ އާއި ގެންލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިޔާވީ އޮފީސް ސްޓާފް ޝާމިން އަށާއި މެމްބަރު މީކައިލްގެ މަންމަ (މަންދީ) އަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގައި ހިޔާލުތަފާތުވުން އުފެދި ދެބައިވެފައިވާއިރު އޮފީސްތެރޭގައި މާރާމާރީއެއް ހިނގަން މެދުވެރިވީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ. ބުނީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ހިންގަމުންދާ ކަމަށެވެ.

ސޯޝަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ހިންގާ އިމާރާތުގެ ދެ ފްލޯއެއްގައި ޕާޓީގެ އޮފީސް ހިންގަ އެވެ. އެއީ ގްރަންޑް ފްލޯ އާއި ފަސްޓް ފްލޯ އެވެ.