ބޮލީވުޑް

ސިދާރްތުގެ ފުރާނަ ދިޔައީ ޝެހެނާޒްގެ އުނގުގައި އޮއްވާ!

ބޮލީވުޑް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އަދި ބައެއް ޑްރާމާތަކުގައި ލީޑް ރޯލު އަދާ ކޮށްފައިވާ ސިދާރްތު ޝުކްލާގެ ކުއްލި މަރުން ފިލްމު އަދި ޓީވީ އިންޑަސްޓްރީގެ އެންމެންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ރިއަލިޓީ ޝޯ "ބިގް ބޮސް ސީޒަން 13" ކާމިޔާބުކުރި ސިދާރްތުގެ ވަކިވުމުން އެންމެ ފުން އަސަރުތަކެއް ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ ޝެހެނާޒް ގިލް އަށެވެ.

ފޭނުން ލޯބިން ސިދްނާޒްގެ ނަން ދީފައިވާ މި ދެ އެކްޓަރުން ފުރަތަމަ ބައްދަލުވީ ވެސް ބިގް ބޮސްގެ ގެއިންނެވެ. އެ ގޭގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި މި ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނުތަން ޝޯ ބެލި މީހުންނަށް ވަނީ ފެނިފަ އެވެ. އަދި ޝޯ ނިމި ބިގް ބޮސްގެ ގެއިން ދެ އެކްޓަރުން ނުކުތް ފަހުން ވެސް އެމީހުންގެ ގުޅުން އިތުރަށް ބަދަހިވެ ދެ ލޯބިވެރިންގެ ގޮތުގައި ވަރަށް ގިނަ އިވެންޓުތަކުން ވެސް ފެނިފައި ވެއެވެ.

ޝެހެނާޒްގެ ބައްޕަ އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ސިދާރްތުގެ ފުރާނަ ދިޔައީ ވެސް ޝެހެނާޒްގެ އުނގުގައި އޮއްވަ އެވެ.

ސިދާރްތުގެ ކުއްލި މަރާ ގުޅިގެން ތައުޒިޔާ ކިއުމަށް އެ ގެޔަށް ދިޔަ އެމީހުންގެ އެކުވެރިން ބުނެފައިވާ ގޮތުގައި ސިދާރްތުގެ މަރުވިކަން އަދިވެސް ޝެހެނާޒަކަށް ގަބޫލެއް ނުކުރެ އެވެ. އޭނާއަށް ވަރަށް ބޮޑު ޝޮކެއް ލިބި ހާލު ވަރަށް ގޯސްވެފައިވާ ކަމަށް އެކުވެރިން ބުނެފައި ވެއެވެ.

ހާޓް އެޓޭކް ޖެހުނު ރޭ ސިދާރްތު ބޭރުގައި އުޅެފައި ގެޔަށް އައީ ރޭގަނޑު 9.30 ހާއިރު ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދެ އެވެ. އޭނާ އައީ ޝެހެނާޒް ގޮވައިގެން ކަމަށާއި ގެޔަށް އައިތާ މާ ގިނައިރުތަކެއް ނުވެ މެޔަށް އުނދަގޫތަކެއް ވާތީ އުޅެން ފެށި ކަމަށާއި އެ ވަގުތު ގޭގައި ސިދާރްތުގެ މަންމަ އާއި ޝެހެނާޒް ކަމަށް ވެއެވެ.

އުނދަގޫތަކެއް ވާތީ ލުނބޯ ހުތު ފަންޏާއި އައިސްކްރީމް ވެސް ޝެހެނާޒް އާއި ސިދާރްތުގެ މަންމަ އޭނާއަށް ދިނެވެ. ނަމަވެސް ރަނގަޅު ވާގޮތް ނުވާތީ ޝެހެނާޒް ކައިރީ ވެސް ގެއަށް ނުގޮސް އޭނާގެ ބުރަކަށީގައި ފިރުމާލަ ދޭން މަޑުކޮށްލަން ސިދާރްތު އެދުނެވެ. އަދި ދަންވަރު 1.30 ހާއިރު ސިދާރްތު އަށް ނިދުނީ ޝެހެނާޒްގެ އުނގުގައި ބޯ އަޅައިގެން އޮއްވާ ކަމަށާއި އެހެން އިނދެ ޝެހެނާޒަށް ވެސް ނިދިފައި ދެން ހޭލެވުނުއިރު ސިދާރްތުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވެސް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.

އާއިލާގެ މީހުންނަށް ގޮވާ ހޭލައްވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިދާރްތު އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޝެހެނާޒް ދެކެ ސިދާރްތު ވަރަށް ލޯބިވިޔަސް އެ ވާހަކަ މީޑިއާގައި ނުދައްކަ އެވެ. ނަމަވެސް ޝެހެނާޒް އަބަދުވެސް ސިދާރްތު ދެކެ ވަރަށް ލޯބިވާ ކަމަށް މީޑިއާގައި ބުނެފައި ވެއެވެ. އެހެންވެ ކުއްލިއަކަށް ލޯބިވެރިޔާ މިފަދަ ގޮތަކަށް ވަކިވުމުން ޝެހެނާޒަށް ބަޔާން ނުކުރެވޭ ވަރުގެ ބޮޑު ހިތާމައެއް ވަނީ ލިބިފަ އެވެ.

ދާދިފަހުން ޝެހެނާޒް އާއި ސިދާރްތު ވަނީ "ޑާންސް ދިވާނޭ 3"ގައާއި "ބިގް ބޮސް އޯޓީޓީ"ގައި ވެސް އެކުގައި ބައިވެރިވެފަ އެވެ.