މިތުން ޗަކްރަބަތީ އާއި ޝްރީދޭވީ އަކީ އެއް ޒަމާނެއްގައި ދެ ލޯބިވެރިންނެވެ. އެ މީހުންގެ ލޯބީގެ ވާހަކައަކީ އޭރު ފިލްމު އިންޑަސްޓްރީގައި ވަރަށް މަޝްހޫރުވި ވާހަކަ އެކެވެ. އިންޑިޔާގެ ނޫސްތަކުގައިވާ ގޮތުން 1985 ގައި މިތުން އާއި ޝްރީދޭވީ އެންމެންނަށް ސިއްރުން ކައިވެނި ކުރި އެވެ. އަދި އެ ކައިވެނި 1988 ގައި ރޫޅާލީ އެވެ. ޝްރީދޭވީ އާ ކައިވެނި ކުރިއިރު ވެސް މިތުން އުޅެނީ ޔޮގީތާ ބާލީ އާ ކައިވެނި ކޮށްގެން ކަމަށާއި ޝްރިދޭވީ ވަރިކުރަން ޖެހުނީ ޔޮގީތާ އަމިއްލައަށް މަރުވާން އުޅުމުން ކަމަށް ވެއެވެ.
ޔޮގީތާ އަކީ ވެސް ކުރިން ވަރަށް ގިނަ ހިންދީ ފިލްމުތައް ކުޅެފައިވާ ބަތަލާ އެކެވެ. މިތުން އާއި ޔޮގީތާ ކައިވެނި ކުރީ 1979 ވަނަ އަހަރު އެވެ. ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވީ މި ކައިވެންޏަށް ހަތަރު ދަރިން ލިބިފައި ވެއެވެ.
ޝްރީދޭވީ އާއި މިތުން ކައިވެނިކުރީ ޔޮގީތާ ވަރި ނުކޮށެވެ. ނަމަވެސް އެކަމެއް ޝްރީދޭވީ އަކަށް ނޭނގެ އެވެ. ޝްރީދޭވީ ހީކުރީ މިތުން ޔޮގީތާ ވަރިކޮށްފައި ހުރި ކަމަށެވެ. ވަރި ނުކުރާކަން އެނގުމުން މިތުން އާ ވަކިވާން ޝްރީދޭވީ ނިންމީ އެވެ.
ޔޮގީތާ އާއި މިތުންގެ ހަތަރު ދަރިންގެ ތެރެއިން ދެ ދަރިންނަކީ ޝްރީދޭވީ ވަރި ކުރި ފަހުން ލިބުނު ދަރިންނެވެ. ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ޝްރީދޭވީ ކައިވެނިކުރީ މިތުން ކައިރިން ވަރިވިތާ އެތައް އަހަރެއް ފަހުން 1996 ގައެވެ.
މިތުން އާ ކައިވެނި ކޮށްގެން އުޅުނުއިރު ވެސް ޝްރީދޭވީ އާއި ބޯނިގެ އެކުވެރިކަން އޮތެވެ. އެހެންވެ މިތުން އެކަމާ ހިތްހަމަ ނުޖެހިގެން ޝްރީދޭވީ ލައްވާ ބޯނީގެ އަތުގައި ރާކީ ވެސް ބަނުވި ކަމަށް ބޯނީގެ ފުރަތަމަ އަނބިމީހާގެ އިންޓަވިއު އެއްގައި ބުނެފައިވާ ކަމަށް ވެއެވެ.
މިތުން އާއި ޝްރީދޭވީގެ ކައިވެނީގެ ވާހަކަތައް އިންޑިޔާގެ މީޑިއާތަކުން ފެތުރި ނަމަވެސް ޝްރީދޭވީ ވެސް މިތުން ވެސް މިކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.