ޓޫރިޒަމް

ތިލަމާފުށީގައި ލެ މެރީޑިއަންގެ ރިސޯޓު ހުޅުވައިފި

އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލްގެ ދަށުން ހިންގާ ލެ މެރީޑިއަން ބްރޭންޑުގެ ރިސޯޓެއް ޅ. ތިލަމާފުށީގައި ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓްތަކުގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ހުޅުވި މެރިއެޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ލެ މެރީޑިއަން ހުޅުވާފައިވަނީ މޫދަށް ޖައްސާ ބޯޓުގައި މާލެއިން ފުރައިގެން 35 މިނެޓުން ދެވޭހާ ދުރުމިނުގައި އޮތް ރަށެއްގަ އެވެ.

މި ރިސޯޓުގައި 141 ވިލާ ހަދާފައިވާއިރު، އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ވިލާތައް ވެސް ހަދާފައިވެ އެވެ. އަދި ދެ އިންފިނިޓީ ޕޫލް ވެސް ރިސޯޓުގައި ހުރެ އެވެ.

މެރިއެޓް އިންޓަނޭޝަނަލްގެ ޕެސިފިކް އޭޝިއާ ޑިވިޝަންގެ ރައީސް ރާޖްވީރް މެންނޮން ވިދާޅުވީ މިއީ މި އަހަރު ރާއްޖޭގައި ހުޅުވި މެރިއެޓް އިންޓަނޭޝަނަލްގެ ދެވަނަ ރިސޯޓު ކަމަށެވެ. މެރިއެޓް އިންޓަނޭޝަނަލް އިން މި އަހަރު މާލެ އަތޮޅު ހިއްކައިގެން ފަރި އައިލެންޑުގައި ވެސް ރިސޯޓެއް ހުޅުވާފައިވެ އެވެ.

މި ރިސޯޓު ހުޅުވުމުން ޅ. އަތޮޅުގައި ހުޅުވާފައިވާ ރިސޯޓުގެ އަދަދު މިވަނީ ނުވަ އަކަށް އަރާފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ އެވެ.