ދައުލަތް ހިންގަން ކުރަމުން ގެންދާ ރިކަރަންޓް ހޭދަ މިދިޔަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވެ، ދެ ބިލިއަން ރުފިޔާ އިތުރަށް ހޭދަ ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހޭދަ އުޅެނީ 12 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސުން ކޮންމެ ހަފުތާއަކު ނެރޭ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރިކަރަންޓް ހަރަދު ކުރަން ރައްޔިތުން މަޖިލީހުން ފާސް ކޮށްދީފައި ވަނީ 21 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ދޭން މިހާތަނަށް 6.4 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި ހޭދަ އުޅެނީ 6.3 ބިލިއަން ރުފިޔާގަ އެވެ. މުވައްޒަފުންނަށް މުސާރަ އާއި ޕެންޝަނުގެ ގޮތުގައި ދޭން ފާސްކޮށް ދީފައި ވަނީ 10 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި ހޭދަ އުޅެނީ ހަ ބިލިއަން ރުފިޔާގަ އެވެ. މި ބަޔަކަށް ދީފައިވާ ބަޖެޓަކީ 11 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި 18.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މިހާތަނަށް އާމްދަނީއަށް ލިބުނީ 11 ބިލިއަން ރުފިޔާ އެވެ. މި އަހަރު ހޭދަ ކުރަން 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިންއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރީ 11.2 ބިލިއަން ރުފިޔާ އެވެ.