ރިސޯޓް

ޖުމެއިރާ އިން ލަކްސް ނޯތު ގަނެ، އަލުން ހުޅުވަނީ

Sep 6, 2021
3

ދުބާއީގެ ލަގްޒަރީ ހޮޓެލް ކުންފުނި ޖުމެއިރާ ގްރޫޕުން އިން މާލެ އަތޮޅު ލަކްސް ނޯތު ގަނެ، އަންނަ މަހު ހުޅުވާނެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން މާލެ އަތޮޅުގައި ޖުމެއިރާ ކުންފުނިން ހުޅުވާ ރިސޯޓަށް އަންނަ ފުރަތަމަ ޓޫރިސްޓަށް އަންނަ މަހުގެ އެއްވަނަ ދުވަހު މަރުހަބާ ކިޔާނެ އެވެ.

އަލަށް ހުޅުވާ ރިސޯޓުގެ ނަން އާއްމު ނުކޮށް އެ ކުންފުނިން ބުނީ މާލެ އަތޮޅުގައި ހުޅުވާ މި ރިސޯޓް ވެގެން ދާނީ ގިނަ ވިލާ ތަކެއް ހުރި ރިސޯޓަކަށެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ޖުމެއިރާ ކުންފުނިން މި ރިސޯޓު ހުޅުވަނީ މާލެ އަތޮޅު އޮޅުހަލީގައި ކުރިން ލަކްސް ކުންފުނިން ހިންގި ރިސޯޓު ގަނެގެންނެވެ. މި ރިސޯޓު ހުޅުވަނީ ބައެއް ބަދަލުތައް ގެނެސް "ޖުމެއިރާ" ގެ ރަހަތައް އެކުލެވޭ ގޮތަށެވެ.

ޖުމެއިރާ ގްރޫޕުގެ ސީއީއޯ ޖޯސޭ ސިލްވާ ވިދާޅުވީ ރާއްޖެއަކީ ދަތުރުވެރިންގެ ލޯބި ލިބިފައިވާ މަންޒިލެއް ކަމަށާ އެ ކުންފުނިން ދަތުރުވެރިންނަށް ޔަގީންކަން ދީފައިވާ ގޮތަށް މި ރިސޯޓުން ވެސް ތަފާތު ވާނެ ކަމަށެވެ.

ޖުމްލަ 67 ވިލާ ހުންނާނެ

ލަކްސް ކުންފުނިން 2019 ވަނަ އަހަރު ހުޅުވި މި ރިސޯޓު ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ ޑިޒައިން ސްޓޫޑިއޯ އަކުންނެވެ. މި ރިސޯޓު މޫދާއި ބީޗު ހިމެނޭ ގޮތަށް 67 ވިލާ ހުންނާނެ އެވެ. ރާއްޖޭގެ ކަނޑާއި ސާފު ޖައްވުގެ ގުދުރަތީ ރީތި މަންޒަރު ފެންނަ ގޮތަށް ތަރައްގީ ކުރި މި ރިސޯޓުގައި އެއް ކޮޓަރި އާއި ދޭއް އަދި ތިން ކޮޓަރީގެ ވިލާތައް ހުރެ އެވެ. އަދި "އޯޝަން ވިއު" ފެންނަ ގޮތަށް 171 އަކަފޫޓުގެ ވިލާއެއް ވެސް ހުރެ އެވެ. މީގެ އިތުރުން މިތަނުގައި ކޮޓަރި ނުވަތަ ވިލާގެ ތެރޭގައި އިންފިނިޓީ ޕޫލް ހިމެނޭ ރޫމުތަކާއި ޓެރަސް މަތީގައި "ތަރިތަކާއެކު" ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވޭނެ ގޮތަށް ޑިޒައިން ކޮށްފައިވެ އެވެ. ތިން ކޮޓަރީގެ ވިލާތައް ފަރުމާކޮށްފައި ވަނީ ޖިމް ވެސް ހިމެނޭ ގޮތަށެވެ.

ޖުމެއިރާ ކުންފުނީގެ މި ރިސޯޓުގައި މޫދު ކުޅިވަރުތަކާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ވެސް ވަނީ ގާއިމް ކޮށްފަ އެވެ. ބީޗް ވޮލީ އާއި ޓެނިސް ފަދަ ކުޅިވަރުތައް ކުޅެވޭނެ ކޯޓުތައް ވެސް ވެއެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކިޑްސް ވޯޓާ ޕާކްއަކާއި އާއިލާއެއްކޮށް ފިލްމް ބަލާލެވޭ ގޮތަށް އައުޑްޑޯ ސިނަމާއެއް ވެސް ހުރެ އެވެ.

ދުބާއީގައި އެންމެ ފުރަތަަމަ ހެދި އެންމެ އުސް ބިނާ ކަމަށްވާ "ބުރުޖް އަލް އަރަބް" ނިސްބަތްވާ ޖުމެއިރާ ކުންފުންޏަކީ ޔޫއޭއީގެ ޕްރިންސް ޝެއިހް މުހައްމަދު ބިން ރާޝީދު އަލް މަހްތޫމްގެ އަމިއްލަ ވިޔަފާރިއެކެވެ. ޖުމެއިރާގެ ދަށުގައި ޓޫރިޒަމްގެ 24 ބްރޭންޑެއް ހިންގާއިރު ރާއްޖޭގައި ވެސް މި ކުންފުނިން ތިން ރިސޯޓެއް ހިންގަ އެވެ.