އަބްދުﷲ ފައިރޫޝް

ފައިރޫޝް ރިޓަޔާކުރި މައްސަލަ އެންމެ ފުރިހަަމައަށް ނުބަލާ: ރިޕޯޓް

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ހޯމް މިނިސްޓްރީން އެންމެ ފުރިހަމައަށް ބަލައިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމެޓީން ބުނެފި އެވެ.

ފައިރޫޝް ރިޓަޔާ ކުރި މައްސަލަ 241 ކޮމިޓީން ބެލީ އޭނާގެ މައްސަަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވުމާ ގުޅިގެން ނެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ގާނޫނު މިދިޔަ އަަހަރު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ބުނެފައި އޮތަސް ފައިޜޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެން ނެވެ.

އެ ކޮމިޓީން އެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓްގައި ބުނީ ފައިރޫޝް ރިޓަޔާ ކުރުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން މައްސަލަ އުފައްދައި ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ހޯމް މިނިސްޓްރީން ބުނި ނަމަވެސް ފައިރޫޝްއާ ގުޅޭ ގޮތުން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލައި އޭނާ ރިޓަޔާ ކުރި މައްސަލަ އެންމެ ފުރިހަމައަށް ބަލައިފައިވާ ކަަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"....ފައިރޫޝްގެ އަމަލުތައް ރަސްމީ ރެކޯޑިންތަކުންނާއި އާންމުވެފައިވާ އޯޑިއާ އަދި ވީޑިއޯ ރެކޯޑިންތަކުން ފެންނަން ހުރި މަންޒަރުން ޝަރަފުވެރިކަމާއެކު ޑރ. އަބްދުﷲ ފައިރޫޝް ވަޒީފާއިން ރިޓަޔާކުރެއްވުމަށް ނިންމާފައިވާ ނިންމުން އެންމެ ފުރިހަަމައަށް ބެލިފައިވާ ކަަމަށް މި ކޮމިޓީއަށް ގަބޫލުނުކުރެވޭ" ކޮމިޓީ ރިޕޯޓްގައި ވެއެވެ.

ފައިރޫޝް ރިޓަޔާ ކުރި މައްސަލަ އެންމެ ފުރިހަމައަށް ބެލިފައި ނުވާކަމަށް ބުނެފައި އޮތް ނަމަވެސް އެ މައްސަލަ އަލުން ބަލަން އަންގަން 241 ކޮމިޓީން ފާަހެއް ނުކުރެ އެވެ.

އޭގެ ބަދަލުގައި ކޮމިޓީން ނިންމީ ފައިރޫޝްފަދަ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ފުލުހަކު މަގާމުން ރިޓަޔާކުރުމަށް އެދިއްޖެނަމަ އެފަދަ ފުލުހަކު ޝަރަފުވެރިކަމާއެކު ރިޓަޔާކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ފުލުހުންނަށް އެންގުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރުވެ ދިޔަ ނުދިނުމަށް ހަރުދަނާ އުސޫލުތަކާއި ގަވައިދުތައް ހަދަން އަންގާށެވެ.

ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެކަމަކު ގާނޫނުގައި ބުނެފައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ވުމުން ކަމަށެވެ. ނަަމަވެސް އޭގެ ކުރިން މިދިޔަ ޖެނުއަރީ މަހު ފައިރޫޝް ރިޓަޔާ ކުރެއްވި އެވެ.

ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުސް އިދާރާއާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެންނެވި ފަރާތެވެ. ފުލުހުންގެ އާ ގާނޫނު ފާސްކޮށްފައި ވަނީ ހަތެއް ފެބްރުއަރީގައި ހަރަކާތްތެރިވި ފުލުުހުންނާ މެދު ފިޔަވަޅު އެޅޭގޮތަށެވެ.