ޓެރަރިސްޓް ހަމަލާ

ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފި

ރާއްޖޭގައި ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.

އިންޒާރު ދީފައިވަނީ ހެންވޭރުގައި ހުންނަ ނޫރު މިސްކުތުގެ ތަނބެއްގަ އެވެ. ތަނބުގައި ލިޔެފައިވަނީ ރާއްޖޭގައި ގަދަވާނީ ބިދޭސީން ކަމަށެވެ. އަދި "އަހަރެމެން ބޭނުން ގޮތެއް ހަދާނީ" ކަމަށް ލިޔެފައިވެ އެވެ.

މީގެ އިތުރުން ލިޔުމުގައި ބުނެފައިވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށެވެ. އަދި ދިވެހި ގައުމު ސުންނާފަތި ކޮއްލާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ މައްސަލަަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ފުލުހުން އިތުރު އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކުށެކެވެ. އެފަދަ ކުށްތައް ސާބިތުވާ މީހުންނަށް ރާއްޖޭގައި ވެސް ދަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަމުންނެވެ.