ބޮލީވުޑް

ސިދާރްތު ޝުކްލާ ވައްތަރު މީހެއް!

ޓީވީ އަދި ފިލްމު އެކްޓަރު ސިދާރްތު ޝުކްލާ މި މަހުގެ ދެވަނަ ދުވަހު ކުއްލިއަކަށް މަރުވުމުން ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބުނެވެ. އަދި ސިދާރްތުގެ ފޭނުން ހިތާމައިން ގޮސް ހިތް ހަލާކުވި އެވެ. ސިދާރްތު މަރުވިތާ 10 ވަރަކަށް ދުވަސްވީއިރު ވެސް އޭނާގެ ވަކިވުމުގެ ހިތާމަ ކުރާ ފޭނުން ވަރަށް ގިނަ އެވެ.

ސިދާރްތުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އޭނާގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްކޮށް އޭނާގެ ފޭނުން ވަރުބައްޔެއް ވެސް ނުވެ އެވެ. ފޭނުން ސިދާރްތު މަތިން ހަނދާން ނައްތާ ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ސިދާރްތު އާ ވަރަށް ވައްތަރު ޒުވާނެއްގެ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު އެންމެންތައް ހީވީ މޮޔަވިހެންނެވެ. މި އެންމެން މިހާރު ވަނީ އިންޓަނެޓަށް ބޮޑު ތޫފާނެއް ކުރިމަތިކޮށްފަ އެވެ.

ސިދާރްތު އާ ވައްތަރު ކަމުން ވައިރަލް ވެގެން އުޅެނީ ޗަންދަން ވިލްފްރީން ކިޔާ މީހެކެވެ. އޭނާގެ ފޮޓޯތައް ވައިރަލް ވިޔަސް އޭނާ ސިދާރްތު ކޮޕީ ކޮށްގެން ތަފާތު ފޮޓޯތަކާއި ވީޑިއޯތައް ނަގައި ޝެއާކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއ އެވެ. ޗަންދަން ބުނާ ގޮތުގައި އޭނާ އަކީ ސިދާރްތުގެ ފޭނެކެވެ.

ސިދާރްތު އަޅާ ސްޓައިލަށް ހެދުން އަޅައިގެން ޗަންދަން ނަގާފައިވާ ފޮޓޯތައް ބަލާލުމުން އޭނާ އާއި ސިދާރްތު ހަގީގަތުގައި ވެސް ވަރަށް ވައްތަރުކަން ޔަގީން ކުރެވެ އެވެ.

މި ފޮޓޯތައް ބަލާފައި ސޯޝަލް މީޑިއާގައި އެއްބަޔަކު ޗަންދަން އަށް ތައުރީފުކޮށް ކޮމެންޓުތައް ކުރަމުންދާއިރު އަނެއް ބަޔަކު އައީ ރުޅި އެވެ. ރުޅި އައި މީހުން ބުނަނީ ޗަންދަން އެ އުޅެނީ ސިދާރްތުގެ ފޭނުން ވަރަށް ދެރަވެފައި ތިއްބާ އެމީހުންގެ ޖަޒުބާތުތަކާ ކުޅެން ކަމަށެވެ.

ޗަންދަންގެ ފޮޓޯތަކަށް ބަލާއިރު އޭނާ ސިދާރްތު އަށް ވުރެ މާ ހަގުކަން ފާހަގަ ކުރެވެ އެވެ. ސިދާރްތު ވެސް މޮޑެލް ކުރުމާއި ޓީވީ ޝޯ ތަކުގައި ބައިވެރިވާން ފެށީ ވަރަށް ޅަ އުމުރުގައި ކަމުން އޭނާ ޗަންދަންގެ އުމުރުގައި އަދި މިހާރަށް ވުރެ ވެސް ބޮޑަށް ވައްތަރުވާނެ ކަމަށް ސިދާރްތުގެ ބައެއް ފޭނުން ގަބޫލު ކުރެ އެވެ.