ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު ރޭ މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރޭ މަރުވީ ގދ. ވާދޫ / ޖަނަވަރީގޭ، މުހައްމަދު އަސްލަމް 40، އެވެ. އޭނާ މަރުވީ އިއްޔެ ޖަލުގެ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަކީ ތިން އަަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ.
މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އަސްލަމްގެ މަރުގެ މައްސަލައިގައި އިހުމާލު ވެފައިވާ ކަަމަށް ބެެލެވޭ ކަމަށެވެ. އޭނާ މަރުވިކަން ސިއްރު ކުރި ކަމަށް އާއިލާއިން ބުނާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އާއިލާއާ ހަވާލާދީ އާދަމް ޝަރީފް ވިދާޅުވީ އަސްލަމް އިއްޔެ ހަވީރު 5:00 ޖެހިއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި ގައިދީއަކަށް އިމެެޖެންސީ ހާލަތެއް ދިމާވާ ހާލަތުގައި ގުޅާނެ ނަންބަރެއް ހިއްސާ ކޮށްފައި އޮންނައިރު ވެސް އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އަސްލަމަށް ކަމެއް ވެގެން އުޅޭކަން އާއިލާއަށް އެނގުނީ ވެސްް ރޭ 7:00 ޖެހި އިރު އާންމު މީހަކު ދިން މައުލޫމާތުތަކުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގޮސް ކަރެކްޝަން އޮފިސަރުންގެ ކިބައިން މައުލޫމާތަށް އެދުމުން ހަމައެކަނި ބުނީ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެން މައުލޫމާތެއް ނުލިބުނު ކަމަށެވެ.
އަސްލަމްގެ އާއިލާއިން ބުނާ ގޮތުގައިި އަސްލަމް މަރުވިކަން އެނގުނީ ގަދަ ކަމުން އޭނާ އޮތް ކޮޓަރިއަށް ވަނުމުން ކަމަށާއި އޭރު އަސްލަމް މަރުވިތާ އެތައް އިރެއްވެފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިއީ އިމެޖެންސީ ހަލާތުގައި އަމަލު ކުރަން ޖެގޭ ގޮތް ނޫން ކަމަށެވެ. އެހެންކަމުން އަސްލަމްގެ މަރުގެ މިނިވަން ތަހުގީގެއް ހިންގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެދި ވަޑައިގަންނަވާ ކަމަށެވެ.