ހަބަރު

ލަައިފް ޖެކެޓް އެޅުން ލާޒިމް ކުރަން މަޖިލީހަށް ގަރާރެއް

ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން ކަނޑު ދަތުރުކުރާއިރު އުޅަނދުފަހަރުގައި ތިބޭ ފަސިންޖަަރުން ލައިފް ޖެކެޓް އެޅުން ލާޒިމު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންވާ މިންވަރަށް ނުބެލުމުގެ ސަބަބުންނާއި ކަމާބެހޭ މުއައްސަސާތަކުން ދޭ ލަފައާއި އިންޒާރަށް ބެލުމެއް ނެތި ދަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، މުދަލާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ލައިފް ޖެކެޓް އެޅުން ލާޒިމް ކުރުމަށާއި އޮޑިވެރިންނާއި ކެޔޮޅުންނާއި ކައްޕިތާނުންނާއި ދަތުރުކުރާ މީހުން އެގޮތަށް އަމަލު ކުރަމުންދާ ކަން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ރީނދޫލާއި ރަތް އެލާޓް ނެރެފައި ވަނިކޮށް ކޮންމެހެން މުހިންމު ކަމެއްގައި މެނުވީ ދަތުރު ނުކުރުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ލައިފް ޖެކެޓް އެޅުން ލާޒިމު ކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަަސް މީހެއްގެ ފުރާނަ ގެއްލިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ.

މޫސުން ގޯސްވެފައިވާ ކަމުގެ އިންޒާރު ވެސް ނެރެފައިވަނިކޮށް ދަތުރު ކުރި ލޯންޗުގައި ތިބި އެއްވެސް ފަސިންޖަރަކު ލައިފް ޖެކެޓް އަޅާފައެއް ނުވެ އެވެ. އެ ހިތާމަވެރި ހާދިސާއަށް ފަހު ލައިފް ޖެކެޓްގެ މުހިއްމު ކަމުގެ ވާހަކައާއި އެ ލައިފް ޖެކެޓް އެޅުވުން މަޖުބޫރު ކުރަން ޖެހޭ ކަމުގެ ވާހަކައިގެ އަޑު ސޯޝަލް މީޑިއާގައި ވަނީ ގަދަވެފަ އެވެ.