ލައިފްސްޓައިލް

އިންޑިޔާ ޒުވާނުންގެ މާމުއިހަނދު ރާއްޖޭގެ ގޮނޑުދޮށަށް!

  • އިންޑިޔާ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުން
  • ބޮލީވުޑްގެ ތަރިންގެ ސަބަބުން ރާއްޖެ އިޝްތިހާރުވޭ

ރާއްޖެއަކީ ޒުވާން ޖޯޑުތައް މާމުއި ހަނދުގެ ފޮނިބޯން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިއީ ރާއްޖެއަށް ބޭރުގެ ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ސަބަބެވެ. ބޭރުގެ ގިނަ ބަޔަކު ރާއްޖޭގެ ގޮނޑުދޮށްތަކުގައި މާމުހި ހަނދުން ފޮނިބޯން އާދެ އެވެ. ކުރިން މިގޮތައް އެންމެ ގިނައިން އަންނަނީ ޔޫރަޕު މީހުންނެވެ. ނަމަވެސް ފަހަކަށް އައިސް އިންޑިޔާއިން އަންނަ މީހުން މިވަނީ އިތުރުވެފަ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ޓޫރިޒަމް މިނިސްޓްރީން ކުރި ސާވޭއަކުން އެނގުނު ގޮތުގައި ރާއްޖެ އަންނަ އިންޑިޔާ ޓޫރިސްޓުންގެ 54 ޕަސެންޓް ރާއްޖެއަށް ޒިޔާރަތްކުރަނީ ހަނީމޫން ހޭދަ ކުރުމަށެވެ. މާމުއި ހަނދުގެ ދުވަސްތައް ހޭދަ ކުރުމަށެވެ. މިއީ ނިސްބަތުން އެހެން ގައުމުތަކާ ބަލާއިރު އިތުރު އަދަކެވެ. މި ބަދަލު މި އަންނަނީ ކީއްވެގެން ހެއްޔެވެ؟

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި އިންޑިޔާ މާކެޓަކީ ރާއްޖެއަށް ޕޮޓެންޝަލް ހުރި މާކެޓެކެވެ. ހިސާބުތައް ދައްކުންވެސް ދައްކަނީ މިގޮތަށެވެ. ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން އައިސްފައިވާ ގޮތައް ބަލާއިރު މިދިޔަ މަހު އިންޑިޔާ އިން އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް މި އަހަރު ނިމިގެން ދާއިރު އެ ގައުމުގެ މާކެޓު ދަނީ ފުޅާވަމުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ އޮކްޓޫބަރު މަހުގެ ނިޔަލަށް 36،624 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް 39،848 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 9.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ ސަބަބެއް ކަމަށް، ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދުރުމިއަށް ރާއްޖެ ހުއްޅުން މިއީ ސަބަބަކަށް ވެދާނެ އެވެ. މި އަހަރަށް ބަލާއިރު ވެސް އިންޑިޔާގެ މަޝްހޫރު ގިނަ ތަރިން ރާއްޖެ އައިސްފައިވެ އެވެ. އޭގެތެރޭގައި ރަންވީރު ސިންގް އާއި ދިޕިކާގެ ޖޯޑު ހިމެނެ އެވެ. އަދި ބިޕާޝާ ބާސޫ ހިމެނެ އެވެ. މީގެ އިތުރުން ޝާހިދު ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ. އަދި ރިތިކް ރޯޝަން ވެސް ވަނީ އާއިލާއާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. މިކަން ވެގެން ދަނީ ފިލްމީ ތަރިންނަށް މަރުދޭ އިންޑިޔާގެ އާއްމުންގެ މެދުގައި ރާއްޖެ އިޝްތިހާރުވުމުގެ އެއް ސަބަބެކެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ލެޓްސް މޯލްޑިވްސްގެ ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ އެންމެ ގިނައިން ހަނީމޫން ހޭދަކުރަން އަންނަނީ އިންޑިޔާ ޓޫރިސްޓުން ކަމަށެވެ.

"އިންޑިޔާ ޓޫރިސްޓުން މިހާރު ގިނަ އަދަދެއްގެ އެބަ އާދެ ހަނީމޫނަށް. ގިނަ މީހުން ރާއްޖެ އަންނަނީ ހަނީމޫނަށް،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންވެސް ވަނީ އިންޑިޔާ ޓޫރިސްޓުންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެ މަސައްކަތްތަކުން އިންޑިޔާގެ ބައެއް ސިޓީތަކުގައި ވަނީ ރޯޑްޝޯވްތަކެއް ވެސް ބާއްވާފަ އެވެ. މިއީ މީގެ ނަތީޖާއެއް ކަމަށް ބުނެވިދާނެ އެވެ.

އިންޑިޔާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރާއްޖޭގެ ރިސޯޓެއް ކަމަށްވާ، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް ވިދާޅުވީ އިންޑިޔާ ޓޫރިސްޓުންގެ ގިނަ އަދަދެއް ރާއްޖޭގައި ހަނީމޫން ހޭދަކުރާ ކަމަށެވެ.

"ވަރަށް ގިނަ މީހުން އާދެ. ރަޝިޔާ މީހުންވެސް އާދެ. އިންޑިޔާގައި މި އޮންނަނީ ރާއްޖެ ހަނީމޫން މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފަ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ގިނައިން އަންނަނީ ފެމެލީ ހޮލިޑޭސްއަށާއި ހަނީމޫނަށް ކަމަށެވެ.

" އިންޑިޔާ މީހުންނަކީ އަދި ރިލެކްސޭޝަން ދަތުރުކުރާކަށް ނުފަށާ. އާއްމުކޮށް އެމީހުން މި ދަތުރުކުރަނީ ޕެރިސް އާއި ލަންޑަން ފަދަ ގައުމުތަކަށް،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖެ މިއަދު މިވަނީ އިންޑިޔާ ޒުވާން ޖޯޑުތަކުގެ ދުރުމިއަށް އަރާފަ އެވެ. ހާއްސަކޮށް މާމުއިހަނދު ހޭދަކުރުމަށް އަންނަ ގިނަ ބަޔަކު ހިމެނެ އެވެ.