މަރު

އިޓަލީގައި ދިވެއްސަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

އިޓަލީގައި ދިވެއްސަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ. އެއީ ހދ. ނޮޅިވަރަމްފަރަށް ނިސްބަތްވާ މީހެކެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުންް މަރުވެފައި ހުއްޓާ ފެނިފައިވަނީ މަހުމޫދު އިމާދު ނަމަކަށް ކިޔާ މީހެކެވެ. އެއީ އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާގެ އަންހެނުންގެ އާއިލީ ބައެއް މީހުން މިވަގުތު ރާއްޖޭގައިވެސް އެބަ ތިއްބެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ ބެލެވޭ ގޮތުން އޭނާ ވަނީ މަރާލާފައެވެ. އަދި ބަޔަކު އޭނާ ދަންޖައްސާފައިވާ ކަމަށެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު ހުރީ ދަންޖައްސާފައެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވޭނެ ސައްހަ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ. އެކަމަކު މަހުމޫދު ދަންޖެހިފައި ހުއްޓާ ފެނިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ނޮޅިވަރަމްފަރު ކައުންސިލުންވެސް ބުނީ އެ ވާހަކަތަކުން ރަށް ސިހުން ކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ މައުލޫމާތެއް ކަށަވަރު ނުކުރެވޭތީ ރަސްމީކޮށް އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ.

އާއިލާއިން ބުނި ގޮތުން މަހުމޫދުގެ މަރުގެ ހަބަރު އާއިލާއަށް ދިން މިވަގުތު ނޮޅިވަރަމްފަރުގައި ހުރި އޭނާގެ އަންހެނުންނެވެ. އެ މައުލޫމާތު ފުރަތަމަ ލިބުނީ މަހުމޫދު އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު ހަލާކުކޮށްލާފައި އޮތުމާއި އެންމެ ފަހުން އާއިލާއާ ވާހަކަ ދެއްކިއިރުވެސް އޭނާގެ ކިބައިން ވަކި ހާއްސަ ކަމެއް ފާހަގަ ކުރެވިފައި ނެތުމުން އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.