އިޓަލީގައި ދިވެއްސަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު މައްސަލަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މަރުވި މީހާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ.
އިޓަލީގައި އިއްޔެ މަރުވެފައިވަނީ ހދ. ނޮޅިވަރަމްފަރަށް ނިސްބަތްވާ މީހެކެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުންް މަރުވެފައި ހުއްޓާ ފެނިފައިވަނީ މަހުމޫދު އިމާދު ނަމަކަށް ކިޔާ މީހެކެވެ. އެއީ އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާގެ އަންހެނުންގެ އާއިލީ ބައެއް މީހުން މިވަގުތު ރާއްޖޭގައިވެސް އެބަ ތިއްބެވެ.
ނޮޅިވަރަމްފަރު ކައުންސިލުން ބުނީ އެ ވާހަކަތަކުން ރަށަށް ސިހުން ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ މައުލޫމާތެއް ކަށަވަރު ނުކުރެވޭތީ ރަސްމީކޮށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އާއިލާއިން ބުނި ގޮތުން މަހުމޫދުގެ މަރުގެ ހަބަރު އާއިލާއަށް ދިނީ މިވަގުތު ނޮޅިވަރަމްފަރުގައި ހުރި އޭނާގެ އަންހެނުންނެވެ. އެ މައުލޫމާތު ފުރަތަމަ ލިބުނީ މަހުމޫދު އަމިއްލައަށް މަރުވީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު ހަލާކުކޮށްލާފައި އޮތުމާއި އެންމެ ފަހުން އާއިލާއާ ވާހަކަ ދެއްކިއިރުވެސް އޭނާގެ ކިބައިން ވަކި ހާއްސަ ކަމެއް ފާހަގަކުރެވިފައި ނެތުމުން އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް އާއިލާ އިން ބުނެ އެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ ބެލެވޭ ގޮތުގައި ބަޔަކު ވަނީ އޭނާ މަރާލާފަ އެވެ.