އިޓަލީގައި މަރުވި ހދ. ނޮޅިވަރަމްފަރު ވައިމަތީގޭ މަހުމޫދު އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަަސައްކަތް ކުރަމުންދާ ކަމަށް މަހުމޫދުގެ އާއިލާއިން މިރޭ ބުނެފި އެވެ.
މަހުމޫދަކީ އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާ ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ އޭނާގެ އަންހެނުންނާއި އާއިލީ ބައެއް މީހުން ރާއްޖޭގައި ތިއްބައެވެ.
އެ އާއިލާއިން މިރޭ ބުނީ މަހުމޫދުގެ ހަށިގަނޑު ރާއްޖެ ގެންނަން ބޭނުންވާތީ އެކަމުގައި ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.
އާއިލާއިން ބުނި ގޮތުން މަހުމޫދުގެ މަރުގެ ހަބަރު އާއިލާއަށް ދިނީ މިވަގުތު ނޮޅިވަރަމްފަރުގައި ހުރި އޭނާގެ އަންހެނުންނެވެ. އެ މައުލޫމާތު ފުރަތަމަ ލިބުނީ މަހުމޫދު އަމިއްލައަށް މަރުވީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު ހަލާކުކޮށްލާފައި އޮތުމާއި އެންމެ ފަހުން އާއިލާއާ ވާހަކަ ދެއްކިއިރުވެސް އޭނާގެ ކިބައިން ވަކި ހާއްސަ ކަމެއް ފާހަގަކުރެވިފައި ނެތުމުން އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް އާއިލާ އިން ބުނެ އެވެ.
ނަމަވެސް މަހުމޫދު މަރާލާފައިވާ ކަމަށް ނިންމަން އަދި އަވަސް ކަމަށްވެސް އާއިލާއިން ބުނެ އެވެ.