ހަބަރު

ގެނބިގެން މަރުވި ފަސް މީހުން އެއް ވަޅެއްގައި ވަޅުލައިފި

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ހަތަރު މީހުންނާއި ކުޑަ ކުއްޖާ އެއް ވަޅެއްގައި ވަޅުލައިފި އެވެ. އެމީހުން ވަޅުލާފައިވަނީ ހަނިމާދޫގެ ގަބުރުސްތާނުގަ އެވެ.

ދަންވަރު ބޭއްވި ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ނޮޅިވަރަމްފަރުގެ ގިނަ ބަޔަކާއި ހަނިމާދޫ ރައްޔިތުން ހިމެނެ އެވެ. ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫއަށް ގޮސްފަ އެވެ. މާލެއިން ވެސް އާއިލާގެ ގިނަ ބަޔަކު ދިޔަ އެވެ.

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދޫއަށް ދިޔަ ލޯންޗުން ބަންޑުން ޖަހާލައިގެން ކަނޑުވީ 10 މީހެކެވެ. އޭގެ ތެރެއިން ފަސް މީހުން ސަލާމަތްވިއިރު އަނެއް ފަސް މީހުން މަރުވީ އެވެ.

މަރުވެފައިވަނީ ނޮޅިވަރަމްފަރު ސްކޫލްގައި އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ދަރިފުޅު ފާތުމަތު ގުރައިޝާ އައި ގުރައިޝާގެ ދަރިފުޅާ އީރާ އެވެ. އޭގެ އިތުރުން ދެން މަރުވެފައިވަނީ ނޮޅިވަރަމްފަރު ސްކޫލްގެ އެހެން ޓީޗަރެއް ކަމަށްވާ އަބްދުލް ޝުކޫރު ހުސެއިން މަނިކުގެ އަންހެނުން އައިޝަތު އަލީ އެވެ.

ފަސް މީހުންގެ މަރާއެކު މުޅި ރާއްޖެއަށް ވެސް ވަނީ ސިހުން ލިބިފަ އެވެ. ގިނަ ބަޔަކު އެ އާއިލާއަށް ތައުޒިޔާ ވެސް ވަނީ ފޮނުވާފަ އެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހާދިސާގައި މަރުވި ހުސެއިން އަބްދުﷲއަކީ އެ ރަށު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރެވެ. ޓީޗަރު ހުސެއިންގެ ނަމުން މަޝްހޫރު އޭނާއަކީ އެ ސްކޫލްގެ "ބައްޕަ" އެވެ. މުޅި ރަށަށް ވެސް މިކަމާއެކު ފުން ހިތާމައެއް ވަނީ ލިބިފަ އެވެ.

މިއަދުު މި ހާދިސާ ހިނގީ، ހަނިމާދޫއަށް ވަންނަ އުޅުނިކޮށް ނެގި ރާޅާއެކު ލޯންޗު ބަންޑުން ޖަހާލައިގެންނެވެ. ބަންޑުން ޖަހާލި ލޯންޗު ފެނުނުއިރު އެ ސަރަހައްދުން ހަތް މީހަކު ފެނުނެވެ. އޭގެ ތެރޭގައި ހުސެއިން ވެސް ހިމެނެ އެވެ. ނަމަވެސް ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ.

އީރާ އާއި އިތުރު ދެ އަންހެނަކު ފެނިފައިވަނީ އެ ސަރަހައްދާ ތަންކޮޅެއް ދުރުންނެވެ. އެމީހުން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ތިބީ މަރުވެފަ އެވެ. މިހާރު ވެސް ސިއްހީ މަރުކަޒުގައި ކަނޑުވި މީހުންގެ ތެރެއިން ތިން މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއީ މިފަހުން ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާ އެވެ. ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި އެއްވެސް މީހަކު ލައިފް ޗެކެޓް އަޅާފައި ނެތްކަން އެމްއެންޑީއެފްއިން ފާހަގަ ކުރެ އެވެ.