ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

ހިނިތުންވުމާއެކު ޓީޗަރު ހުސެއިން ދެއްވި ނަސޭހަތް!

މުޅި ނޮޅިވަރަމްފަރުގެ ތައުލީމް އެމީހެއްގެ އަތް މައްޗަށް ބިނާވެފައި އޮންނަތާ އެތައް އަހަރެކެވެ. ނޮޅިވަރަމްފަރުގެ އެތައް ޖީލެއް ބިނާކޮށް ތަރުބިއްޔަތެއް ދިނުމުގައި އެންމެ އިސް ރޯލެއް މިއަދާ ހަމައަށް އަދާ ކުރަމުން ދިޔައީ އެންމެންގެ ޓީޗަރު ހުސެއިން ނޫންނަމަ، ބޮޑު ޓީޗަރެވެ. މިއަދުގެ ހިތާމަވެރި ހާދިސާގައި ވަކިވެގެން ދިޔަ ހުސެއިން އަބްދުﷲ އެވެ.

ވަރަށް މަޑުމައިތިރި އަދި ހިތްހެޔޮ މިޒާޖެއްގެ ހުސެއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބުނު ހަފުލާގައި ބައިވެރިވެފަ އެވެ. އެއީ އޭނާގެ މުޅި ހަޔާތް އެތަނަކަށް ވެދުން ކުރި ނޮޅިވަރަމްފަރު ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ހަފުލާ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަން ހަފުލާގައި ސްކޫލްގެ ފަރާތުން ހުސެއިން ވާހަކަ ދެއްކެވި އެވެ. ސްކޫލްގެ 50 އަހަރުގެ ދަތުރު ކުރުކޮށް މިހާރުގެ ޖީލަށް ތިލަކޮށްދެއްވި އެވެ. ދަނޑި ފަނުން ކްލާސްތައް ހުރި ޒަމާނާއި ސްކޫލްގައި ފޯނެއްހާ ހިސާބު ވެސް ނެތް ޒަމާނުގެ މަންޒަރު ކުރައްސަވައި ދެއްވި އެވެ.

އެ ރަށު ސްކޫލް ޖާގައިގެ ދަތިކަމާހުރެ، ބެލެނިވެރިންނާއެކު ދަނޑިފަނުން ކްލާސް ރޫމްތަކެއް ހެދުމުގައި ވެސް އެންމެ އިސްކޮށް ހުންނެވީ ހުސެއިންނެވެ. ސްކޫލަށް 50 އަހަރު ފުރުނުއިރު އޭނާ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 34 އަހަރެވެ. އެ ރޭގެ ހަފުލާގައި އެކަން ފާހަގަކޮށް އޭނާއަށް ހިދުމަތުގެ ރަންފިލާ ވެސް ވަނީ ދީފަ އެވެ.

އެ ރޭގެ ރަން ހަފުލާގައި ހުސެއިން ވަނީ އަގުހުރި ނަސޭހަތްތަކެއް ސްކޫލަށާއި ދަރިވަރުން އަދި އެކުވެރި މުދައްރިސުންނަށް ވެސް ދެއްވާފަ އެވެ.

ޓީޗަރު ހުސެއިން ދެއްވި ސްޕީޗް

"ސްކޫލްގައި މިއޮތް ވަރުގަދަ ގުޅުން އެގޮތުގައި ގާއިިމްވެ އޮތުން މުހިންމު، މިކަހަލަ ވަރުގަދަ ގުޅުމެއް އޮވެގެން ނޫނީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތައުލީމެއް ދެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން،" ހުސެއިން ވިދާޅުވެފައިވެ އެވެ. "އަޅުގަނޑު ދޭ ނަސޭހަތް ދިޔަ މުދައްރިސުން ވެސް އަޑުއަހާ އެގޮތަށް މަސައްކަތް ކުރައްވާށޭ، އޭރަށޭ ކާމިޔާބު ވާނީ،"

ހުސެއިން ވިދާޅުވި ގޮތުގައި އޭނާ ތައުލީމް ހާސިލް ކުރެއްވިިއިރު އޭނާގެ އިސްލާމް މުދައްރިސް ކަމަށްވާ ޑރ. ޒާހިރު ހުސެއިން ދެއްވި ނަސޭހަތް އަދިވެސް ހަނދާނުގައި އެބަ ހުއްޓެެވެ. އެ ނަސޭހަތަކީ "ކުލާހަށް ވަންނައިރު ވަންނާނީ ތައްޔާރުވެގެންނޭ، ޕްރިންސިޕަލް ބެއްޔަސް ނުބެއްޔަސް އެމީހަކު ދާށޭ ތައްޔާރުވެގެން،" އެވެ. ހުސެއިން ގަބޫލު ކުރައްވާ ގޮތުގައި ނޮޅިވަރަމްފަރު ސްކޫލް މުދައްރިސުން ކުލާސްތަކަށް ދަނީ އެގޮތަށް ވަރަށް ތައްޔާރުވެގެންނެވެ.

މުޅި ސްޕީޗް ދެއްވިއިރު ވެސް ހިނިތުންވުމާއެކު ހުންނެވި ހުސެއިންގެ ވާހަކަތަކުން އޯޑިއެންސްއަށް އުފާވެރިކަން ލިބުނެވެ. ދަރިވަރުންނާއި މުދައްރިސުންނަށް އުއްމީދު ލިބުނެވެ. އޭނާ އެ ރޭ ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ އަދި އެދޭ އެދުމަކީ ނޮޅިވަރަމްފަރު ސްކޫލްގެ ދަރިވަރުން ދުނިޔޭގެ ސަފުން ރަން ވަނަތައް ހޯދުމެވެ.

ނޮޅިވަރަމްފަރު ސްކޫލްގެ އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ހުސެއިން ވަނީ ދަރިވަރުންގެ ތަރުބިއްޔަތާއި ތައުލީމް ކުރިއެރުވުމަށް އަމިއްލަ އިސް ނެންގުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަމިއްލަށް ގޭގެއަށް ޒިޔާރަތް ކުރައްވައި ދަރިވަރުންގެ ތައުލީމީ ހާލަތު ވަޒަން ކުރައްވަ އެވެ. ސްކޫލްގެ ރިކޯޑްތައް ދައްކާ ގޮތުން އެއްވެސް ދުވަހަކު އޮފީހަށް ގަޑި ޖެހިފައެއް ނެތެވެ. ފުރިހަމަ ނަމޫނާ ޓީޗަރެކެވެ. މިސާލެކެވެ. ސޯޅަ އަހަރު ސްކޫލް ހިންގުމުގައި އުޅުއްވި ޓީޗަރު ހުސެއިންގެ ކުއްލި ވަކިވުމަކީ ހަމަ ގައިމު ވެސް ސްކޫލަށް ފޫނުބެއްދޭނެ ބޮޑު ހިތާމައެކެވެ.

ސްޕީޗްގައި ޓީޗަރު ހުސެއިން ވިދާޅުވި މި ޖުމްލައަކީ މިއަދަށް އެންމެ އެކަށޭނެ ޖުމްލަ އެވެ. "އަބަދު އަޅުގަނޑުމެން މިތަނަކު ނުތިބޭނެ،" އެވެ.

އަނބިމީހާ އާއި އަންހެން ދަރިފުޅު އަދި އެ ދަރިފުޅުގެ ދަރިފުޅާއެކު ހުސެއިން އެ ވަނީ މި ދުނިޔެއިން ވަކިވެފަ އެވެ. އާއިލާއަށާއި އޭނާގެ ދަރިވަރުންނަށް ދެން ފެންނަން ހުންނާނީ ހުސެއިންގެ ހިދުމަތްތަކާއި ހަނދާންތައް އެކަންޏެވެ.