މޯލްޑިވްސް ޕޮލިސް ސާވިސް

މިރޭވެސް މަގަށް ނުކުމެއްޖެނަމަ މުޒާހަރާ ރޫޅައިލާނެ: ޕޮލިސް

Nov 28, 2015

މިއަދު ހަވީރުން މިރޭ 12:00 އަށް އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރެވޭނެ ކަމަށާއި ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދާނަމަ ދޭންޖެހޭ ރައްކާތެރިކަން ދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުުލުހުން ބުނީ މިރޭ 12:00 އިގެ ފަހުން އެއްވުމެއް ކުރިޔަށް ގެންދަން ފުރުޞަތު ނުދޭނެ ކަމަށާއި މިރޭ ވެސް މާލޭގެ މަގުތަކަށް ނުކުމެ ޢާއްމު ދިރިއުޅުމަށް ހުރަސް އެޅޭގޮތަށް މަގުމަތީގެ އަމާންކަން ނަގާލައި މަގުމަތީގައި އެއްވުން ކުރިޔަށް ގެންދާނަމަ ހުއްޓުވާނެ ކަމަށެވެ.

"މަގުތަކަށް ނުކުމެ އެއްވުން ކުރިޔަށް ގެންދަން ފުރުޞަތު ނުދޭނެ ވާހަކަވެސް ދަންނަވަމެވެ،" ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ފުލުހުން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފަތުރުވެރިންނާ ޒިޔާރަތްކުރާ މީހުންނަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ މީހުންގެ ހައްގު ދަމަހައްޓައި ރަށުތެރޭގެ ވެށި އަމާންކޮށް ބާއްވައި، ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަން ގާއިމްކޮށްދިނުމަކީ ގާނޫނީ ގޮތުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވުމާއެކު އެމަސައްކަތް އެގޮތުގައި ދެމެހެއްޓުންމަތީ ފުލުހުން ދެމިތިބޭނެ ކަމަށެވެ.

"މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި ގިނަ ވަގުތުތަކެއްގައި މަގުތައް ބަންދުކޮށް މަގުތައް ހަލަބޮލިވެގެން ދިއުމަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާ ދުއްވާ ތަކެތީގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނަށް ބޮޑެތި ދަތިތަކެއް ފޯރައި މަގުމަތީގެ ތަރުތީބު ގެއްލިގެންދާނެ ކަމެކެވެ. ހަމަ އެހެންމެ ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން އަދި މަގުމަތި ހަލަބޮލިވުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެތައް ޙައްޤުތަކެއް އޭގެ ސަބަބުން ގެއްލި ރައްޔިތުންގެ ޢާއްމު މަޞްލަޙަތު ގެއްލިގެންދާނެ ކަމެކެވެ."