މުޒާހަރާ

"މިންޖުވާން" މުޒާހަރާގެ ލަވަ ކުޑަކުއްޖަކު ލައްވާ ކިޔުއްވި މައްސަލަ ބަލަނީ

Jan 4, 2016

އެމްޑީޕީން އެންމެ ފަހުން ބޭއްވި ބޮޑު މުޒާހަރާ "މިންޖުވާން"ގެ ތީމް ލަވަ ކުޑަކުއްޖަކު ލައްވާ ކިޔުއްވައި ބޭނުން ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ވިދާޅުވީ އެ މައްސަލަ ބަލަނީ އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ހުށަހެޅުމުން ކަމަށާއި މިނިސްޓްރީ ފުލުހަށް ހުށަހަޅާފައި ވަނީ ސިޔާސީ ހަރަކާތެއްގައި ސްކޫލް ކުއްޖަކު ބައިވެރި ކުރި މައްސަލަ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން ސުވާލު ކުރަމުން ދަނީ "މިންޖުވާން" މުޒާހަރާގެ ތީމް ލަވާ ކިޔާފައިވާ އަމީނިއްޔާ ސްކޫލްގެ ދަރިވަރުގެ މަންމައާ އެވެ.

މިންޖުވާން މުޒާހަރާ ބާއްވާފައި ވަނީ މިިދިއަ ނޮވެމްބަރު މަހު އެވެ. އެ މުޒާހަރާގައި ކުޑަކުދިން ބައިވެރިކޮށްފައިވާތީ މުޒާހަރާއަށް ކުޑަކުދިން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެމްޑީޕީ އާއި އަދާލަތު ޕާޓީ ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ.