ބްލޮގާ ޔާމީން ރަޝީދުގެ މަރު މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިތަކަކީ އުފައްދާފައިވާ ހެކިތަކެއް ކަމަށް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހެއްގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ހެކިބަހާ ބެހޭ ގޮތުން ވާހަކަދައްކާފައި ވަނީ ހައިޝަމާއި ޒިހާން އަދި ޝިފާޒްގެ ފަރާތުންނެވެ. ދައުވާ ލިބޭ އަނެއް ތިން މީހުންނާއި ދައުލަތުގެ ފަރާތުން ވަނީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކައި ނިންމާފަ އެވެ.
މި ތިން މީހުންގެ ދިފާއީ ވަކީލް ޔާމީން މިއަދު ވިދާޅުވީ ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދިފާއުން ގިނަ ސުވާލުތަކެއް ކުރި ކަމަށެވެ. ނަމަވެސް އެމީހުން ބައެއް ސުވާލުތަކަށް ޖަވާބު ދޭން އިންކޮށްފައިވާ ކަމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ ހެކިބަސް ވަންހަނާ ކުރާ މީހާގެ ހެކިބަސް ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެހެން ސިއްރު ހެކިވެރިޔަކަށް، މީހަކަށް އަނިޔާއެއް ލިބެމުންދާ ކަމުގެ ބާރު އަޑެއް އިވުނު ކަމަށް ބުނެފައިވާއިރު އޭނާގެ ހެކިބަހުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށް ވަކީލް ވިދާޅުވި އެވެ. މި ހެކިވެރިޔާ އެކަން ކަމާގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓްކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ހެކިވެރިޔާ ތަހުގީގަށް ދީފައިވާ ބަޔާން، އެއީ ކާކުކަން ނޭންގޭ ބައި އުނިކުރުމަށްފަހު ދިފާއުއާ ހިއްސާކުރުމަށް ވެސް ޔާމީން އެދިވަޑައިގަތެވެ.
ޔާމީން ވިދާޅުވީ ތިން ވަނަ ސިއްރު ހެކިވެރިޔާއަށް މާސްކް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު ފެނުނު ކަމަށް ބުނެފައިވާ ކަމަށެވެ. އެއީ ދަންނަ ބަޔަކަށްވެސް ނުވާއިރު އެމީހުން ހެކިވެރިޔާއަށް ފާހަގަވާނެ ބުއްދީގެ ހަމައެއް ނެތް ކަމަށެވެ. އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖް ތަކާއި ހެކިވެރިޔާ ދައްކާފައިވާ ވާހަކަތައް ދިމާނުވާތީ މި ހެކިވެރިޔާގެ ހެކިބަސް ވެސް ބަލައި ނުގަތުމަށް އޭނާ އެދުނެވެ.
މީގެ ތެރެއިން ބައެއް ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާން ބަލައިގެން ހެކި ބަސް ދީފައިވާ ކަން ވެސް ދިފާއީ ވަކީލް ފާހަގަކޮށްފައިވެއެވެ. އެކަން އެހެން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ދިފާއީ ވަކީލް ދެން ފާހަގަކުރެއްވީ ހައިޝަމްއަށް ލިބިފައިވާ އަނިޔާތަކަކީ ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކެއްކަން ދައުލަތުން ސިއްރު ކުރަން އުޅުމެވެ. ހައިޝަމްގެ ހަށިގަނޑުގައި ހުރި އަނިޔާތަކަކީ ޔާމީން ރަޝީދަށް ހަމަލާ ދިން އިރު ދިފާއުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ނަމަވެސް ވަކީލް ވިދާޅުވެފައި ވަނީ އެ އަނިޔާ ތަކަކީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގައި ފުލުހުން ހައިޝަމް "ޓޯޗާ" ކޮށްފައިވާ ނިޝާންތަކެއް ކަމަށެވެ.
މި މައްސަލައިގެ ދައުވާލިބޭ ހައިޝަމްގެ އަތްތިލަ، ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކެމެރާއަކަށް އަރާފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަން ޔަގީން ކުރުމަށް ޕާމް ކޮމްޕެރިޒަން ހަދާފައި ނުވާ ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވިއެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވަނީ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުން ނިންމާލައިފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ދެ ފަރާތުން ހުލާސާކޮށް ވާހަކަ ދައްކާނެ އެވެ. އޭގެ ފަހުން ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށްފަހު ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން މައްސަލައިގައި ހުކުމް އިއްވާނެ ކަމަށް ގާޒީ ވަނީ ކުރިން ތާވަލެއް އެކުލަވާލައިފަ އެވެ.