ޔާމީން ރަޝީދުގެ މަރު

"ފުރިހަމަ އިންސާފެއް ނުލިބޭ، ފަންޑުކުރި ބަޔަކު އުޅޭނެ"

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހަކަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ނަމަވެސް ފުރިހަމަ އިންސާފު ނުލިބޭ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ޔާމީންގެ ރަޝީދުގެ މަރު މައްސަލައިގައި ވަނީ ހުކުމް އިއްވާފަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ކުށް ސާބިތުވީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން ހަމަ އެ ދައުވާ އުފުލައިފައިވާ އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އިއްޔެ ހެނދުނު 12:00 ހާއިރު ފެށި އެ މައްސަލައިގެ ހުލާސާ އިއްވައި، ވާރިސުންގެ ބަސް ނެގުމަށްފަހު އަދަބު ކަނޑައަޅައި ހުކުމް އިއްވުނީ ރޭގަނޑު 9:45 ހާއިރު އެވެ.

އޭގެ ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން، މަރިޔަމް ޝަފީގާ ބުނެފައި ވަނީ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. އެކަމަކު އަދިވެސް ފުރިހަމަ އިންސާފު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެމީހުންނަކީ [ދައުވާ އުފުލި] ޔާމީނާ އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮންނަން ޖެހޭނެ ބައެއް ނޫން. ވަޒީފާގެ ގޮތުން ވެސް ޔާމީނާ އެއްވެސް ޗެލެންޖެއް އަންނާނެ ކަމެއް ނޯންނާނެ. ޔާމީނަކީ ވަޒީފާގެ ގޮތުން ވިޔަސް އޭޖުގެ ގޮތުން ވިޔަސް މުޅިން ތަފާތު މީހެއް. މިމީހުންނާ މުޅިން ތަފާތު މީހެއް. އެހެންވީމަ އަދިވެސް ގަބޫލުކުރެވެނީ ކޮންމެސް ބަޔަކު އެބަތިބިކަން،" ޔާމީންގެ މަންމަ ބުންޏެވެ.

ޔާމީންގެ މަންމަ ބުނިގޮތުގައި މިކަމުގެ ފަހަތުގައި އިތުރު ބަޔަކު އެބަ ތިއްބެވެ. މިކަމަށް ފަންޑު ކުރި ބަޔަކު ތިބޭނެ ކަމަށް އަބަދުވެސް ގަބޫލުކުރެވޭ ކަމަށާއި އެކަން ގަބޫލު ކުރެވޭ އެންމެ ބޮޑު ސަބަބަކީ ދިފާއީ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައި ތިބި ވަކީލުން ކަމަށެވެ. އެހެންކަމުން މިކަމުގެ ފަހަތުގައި ބޮޑެތި ބަޔަކު އަދިވެސް އެބަ ތިބި ކަމަށް ޔާމީންގެ މަންމަ ވަނީ ތުހުމަތުކޮށްފަ އެވެ.

އިތުރަށް ޔާމީންގެ މަންމަ ބުނީ، މަރާލާފައި ތިބި މީހުންނާއި ގެއްލުވާލައިފައި ތިބި މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން، މި މައްސަލަ ކުރިއަށް ނުގެންގޮސް މަޑު ޖައްސާލައިފައި ވަނީ ކޯޓުގައި މައްސަލަ އޮތުމުން ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ. މިހާރު މައްސަލަ ނިމުމާއިއެކު އެ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް، މިކަމުގެ މުގުލުގައި ތިބި މީހުން ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުންޏެވެ.

"...އެހެންވީމަ އުންމީދުކުރަން މިކަމުގެ އިސްކޮށް އުޅުނު މީހުންނާ މިކަން ރޭވި މީހުންނާ މިކަމަށް ހަރަދު ކުރި މީހުން ހޯދޭނެ ކަމަށް. ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން،" ޝަފީގާ ބުންޏެވެ.

ޝަފީގާ ބުނީ ސަރުކާރު އައިއިރު ވެސް އެންމެ ބޮޑަށް އެދުނީ އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އިންސާފު ލިބޭނީ އަޑީގައި ތިބި މީހުން ހޯދައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދިޔައަށް އެދުނީ ޔާމީންގެ ނަމުގައި ކަމެއް ކުރަން

ކޯޓުގައި ވާރިސުންގެ ބަސް ނެގިއިރު ޝަފީގާ ބުނެފައި ވަނީ އޭނާ ގިސޯސް -- މަރަށް މަރު -- ހިފަން ބޭނުން ނުވާ ކަމަށެވެ. ޔާމީނަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކުއްޖެއް ކަމަށާއި ކޮންމެ އިންސާނަކީ ދިރިހުރުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. އެކަމަކު މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.

އެކަން ތަފްސީލުކޮށްދެމުން ޝަފީގާ ބުނީ، އެގޮތަށް ކޯޓުގައި އެދުނީ ވަރަށް ގިނަ މީހުންނާއި އިލްމުވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ޔާމީންގެ ނަމުގައި ރަގަޅު ކަމެއް ނުވަތަ ދެމިގެންދާފަދަ ސަދަގާތެއް ކުރުމަށް ކަމަށްވެ.

"އަހަރެންގެ ދަރީގެ ބަދަލުގަ ޖަވާހިރު ގޯންޏެއް ލިބުނަސް ވެސް އޭނަގެ އަގު އަހަރެންނަކަށް ވަޒަނެއް ނުކުރެވޭނެ. ކޮންމެހެން ލާރި ބޭނުންވެގެންނެއް ނޫން ދިޔަ ބޭނުމޭ ބުނީ،" ޝަފީގާ ބުންޏެވެ.

ޝަފީގާ ގިސޯސް ހިފަން ބޭނުންނުވި ނަމަވެސް ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދު އެދުނީ އަދުލު އިންސާފު ގާއިމްކޮށް ގޮސޯސް ހިދުމަށެވެ.

މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހަކު ސަލާމަތްވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާއިލާއިން ވަނީ ފާޅުކޮށްފަ އެވެ. ކޯޓަށް އިތުބާރުކުރާ ކަމަށާއި ކޯޓުން ނިންމާނީ އެކަމުގައި ހުރި ހެކި ގަރީނާތަކުގެ މައްޗަށްކަން ގަބޫލުކުރާ ކަމަށް ޝަފީގާ ބުންޏެވެ. މައްސަލަ ޖެހުނީ ތަހުގީގީ އިދާރާތަކުންނާއި ދެން ހުރި ދިމަ ދިމާލުން ކަމަށް އޭނާ ފާހަގަކުރި އެވެ.

"އެކަށީގެންވާ އިންސާފެއް ނުލިބޭ. ކޮންމެސް ކަމެއްވީމަ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަންނާނެ. އަސްލު ހިހްތަމަ ޖެހޭނީ އެކަމަށް ހަރަދުކުރި މީހުން ހޯދައިގެން. އަދިވެސް ގަބޫލެއް ނުކުރެވޭ މިތާ މިތިބި ހަ ކުދިން އަމިއްލައަށް ކުރި ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ،"