އައިފޯނުގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ މީގެ ކުރިން ވެސް ވަރަށް ގިނަ ކުންފުނިތަކުން ފޯނުތައް ބާޒާރަށް ނެރެފި އެވެ. އެކަން ކާމިޔާބުވި މިންވަރަކާ ބެހޭ ގޮތުން ބަހުސެއް ކުރާކަށް ނެތީމެވެ. އެނގެނީ އާ ބްރޭންޑްތަކުގެ އަގުހެޔޮ ފޯނުތަކާ އެކު، މޯބައިލް ފޯނު މާކެޓްގެ ރަސްރަސްކަލުން ކަންބޮޑުވެފައި ތިބިކަމެވެ. އެހެން އެ ވަނީ ކަމެއް ވާތީނޫން ހެއްޔެވެ؟
ޗައިނާގެ ބިޔަ ކުންފުނި ޝިއޯމީ އަކީ މިހާރު އަހަރެމެންނަށް އާ ނަމެއް ނޫނެވެ. އެ ކުންފުނިން މި އަހަރު ފެށީ ފޯނަކަށް އަދި ޓެބްލެޓަކަށް ވެސް ލައްވާނުލައި ސައިޒު ނުވަތަ "ފެބްލެޓް" އެއްގެ ޑިޒައިން ދައްކަމުންނެވެ. މި ޑިޒައިނަށް ފައްކާކުރި ފޯނު ބުރާސްފަތި ދުވަހު ވަނީ ތައާރަފްކޮށްފަ އެވެ. އަދި މި މަހުގެ ފަހު ހަފުތާގައި ވިއްކަން ފަށާނެ އެވެ. މިއީ "ޝިއޯމީ އެމްއައި ނޯޓް" އެވެ.
މިއީ 5.7 އިންޗީގެ ފެބްލެޓެކެވެ. ސްކްރީންގެ ދެ ރެޒޮލޫޝަނެއްގެ ފޯނު މި ސީރީޒްގައި ހިމެނެ އެވެ. މީގެ 16 ޖީބީގެ އަގަކީ 370 އެމެރިކާ ޑޮލަރެވެ. އަދި 64 ޖީބީ ވިއްކާނީ 450 ޑޮލަރަށެވެ. އެއީ ކޮންޓްރެކްޓާ ނުލަ އެވެ.
ޝިއޯމީގެ ސީއީއޯ ލޭއި ޖުން މި ފޯނު ތައާރަފްކޮދެއްވީ އައިފޯން 6 ޕްލަސް އަށް ވުރެ ކުޑަ ތަންކޮޅެއް ތުނި އަދި ކުޑަ ތަންކޮޅެއް ލުއި އެއްޗެއްގެ ގޮތުގަ އެވެ. އެހެންވެ ވިއްދާފައި މި ހުރީ އެޕަލް އިން އެންމެ ފަހުން ނެރުނު "ބަނޑިވާ" ކަމަށް ބުނި 6 ޕްލަސްއާކަން އެބަ ދޭހަވެ އެވެ. ޝިއޯމީގެ މިފަހަރުގެ ފޯނުގައި ވެސް ވަނީ 13 މެގަޕިކްސެލްގެ ކެމެރާއެކެވެ. ކުރިމަތީ ކެމެރާ އާއި ފަހަތު ކެމެރާގައި ތަފާތެއް ނެތެވެ. ފްލޭޝް ވެސް އައިފޯނުގެ ފަހުގެ ފޯނުތަކުގައިވާ ގޮތަށެވެ. ފޯނުގެ އަރިމަތިތައް ވަނީ ސްކްރީންގެ ބިއްލޫރިއާ އެކު "ދާރަ ޖަހައި" ކާވް ކޮށްލައިފަ އެވެ. އައިފޯނު ކޮޕީކޮށްފައޭ ބުނަންޏާ އެހެން ބުނަންވީ އެވެ. އެކަމަކު ފޯނުގެ ނަމަކަށް "ނޯޓް" އައުމުން މިއީ ސެމްސެމްސަންގަށް ވެސް ދައްކާ ބިރެކޭ ބުނެވިދާނެ އެވެ.
ފޯނުގެ ބޯމިނަކީ 6.95 މިލިމީޓަރެވެ. ބަރުމިނަކީ 161 ގްރާމެވެ.
ބޭރުފުށުގެ ސިފަތައް ބަހައްޓާފައި އެތެރޭގެ ހާލަތަށް ބަލަން ހިނގާށެވެ. އޯއެސް އަކީ އެންޑްރޮއިޑެވެ. މީގައި ވަނީ ކުއެލްކޮމް ސްނެޕްޑްރެގަން 801 2.5 ގިގަހާޓްޒްގެ ޕްރޮސެސާއެކެވެ. ރޭމް 3 ޖީބީ އެވެ. ބެޓެރީ 3000 މިލިއެމްޕްއަވާ އެވެ. މީގެ 16 ޖީބީ އަދި 64 ޖީބީ ފޯނު ވެސް ލިބެން ހުންނާނެ އެވެ. މިއީ ދެ ސިމް ލެއްވޭ ފޯނެކެވެ. އެލްޓީއީ-ސީއޭޓީ އަށް މި ފޯނު ބަރާބަރު ވާނެ އެވެ. އެހެންވެ ސިކުންތަކު 450 އެމްބީ ޑައުންލޯޑްކުރެވޭ ނެޓްވޯކްތަކަށް މިއީ ރަނެކެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ދަނީ ޝިއޯމީގެ ހަލުވި ކުރިއެރުމާ އެކު މިއީ އެ ކުންފުންޏަށް ކާމިޔާބު އަހަރަކަށް ވެދާނެ ކަމަށް ލަފާކުރަމުންނެވެ. ޝިއޯމީ އިން މިދިޔަ އަހަރު ވަނީ 61 މިލިއަނަށް ވުރެ ގިނަ ފޯނު ވިއްކައިފަ އެވެ. މި ވިޔަފާރިން 74.3 ބިލިއަން ޔުއާން (12 ބިލިއަން ޑޮލަރު) ގެ އާމްދަނީ ލިބުނެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 227 ޕަސެންޓުގެ އިތުރުުވުމެކެވެ.