އިންޑިއާގައި ތަމްރީން ހަދަމުން ދިޔަ ދިވެހި ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
އޭނާ މަރުވީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީން ހަރަކާތެއްގައި އުޅެނިކޮށެވެ. ނަމަވެސް މަރުވާން މެދުވެރިވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެމްއެންޑީއެފުން ވަނީ ތަމްރީންތަކެއްގައި ރާއްޖެއިން ބޭރުގައި އުޅުނު ދިވެހި ސިފައިންގެ މީހަކު މަރުވެފައިވާ ކަން ޔަގީންކޮށްދީފަ އެވެ.
މަރުވި މީހާގެ މައުލޫމާތު ރަސްމީ އިދާރާ އަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އއ. ހިމަންދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ސުލްތާން (22 އަހަރު) އެވެ.
ސުލްތާނަކީ އޭނާގެ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ކުއްޖާ ކަމަށްވެސް އެނގިފައިވެ އެވެ.
ތިން އަހަރުގެ ތަމްރީން ޕްރޮގްރާމަކަށް ސުލްތާން އިންޑިއާ އަށް ފުރީ މިއަހަރު އެވެ. ސިފައިންގެއަށް އޭނާ ވަނީ މާލޭގެ އަހްމަދިއްޔާ ސްކޫލު ނިންމި ގޮތަށެވެ.
އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.