އެމްއެންޑީއެފް

ސުލްތާންގެ ކަށުނަމާދު މަޣްރިބް ނަމާދަށް ފަހު

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ކަށުނަމާދު މިރޭގެ މަޣްރިބް ނަމާދަށް ފަހު އާ ސަހަރާގެ މިސްކިތުގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. ނަމަވެސް އޭނާގެ މޫނު ދައްކުމުގެ ކަންތައް ކުރިއަށް ގެންދާނެ ވަގުތު އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެ އެވެ.

ސުލްތާންގެ މަރުގެ ހަގީގަތް ހޯދަން ޕޯސްޓްމޯޓަމް ހަދަން ކުރިން ނިންމި ނަމަވެސް އާއިލާގެ އެދުމުގެ މަތިން އެކަން ނުކުރާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އއ. ހިމަންދޫ އަށް އުފަން ސުލްތާން މަރުވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި މިދިޔަ ހޮނިހިރު ދުވަހު އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފަ އެވެ.

ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ.

ކޯހަށް ދިއުމުގެ ކުރީން ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

ސުލްތާން ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.