މުޒާހަރާ

މުޒާހަރާއިން ހައްޔަރުކުރި އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި

އެމްޑީޕީ އިން ކުރިޔަށް ގެންދާ "މިންޖުވާން" މުޒާހަރާގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން މިއަދު ދޫކޮށްލައިފި އެވެ.

އެމްޑީޕީ އިން 73 ގަޑި އިރަށް އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދާ މުޒާހަރާގައި ފުލުހުން 14 މީހުން ހައްޔަރުކޮށްފައި ވަނީ މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ އެއްވުމުގައި ބައިވެރިވާން އާޓިފިޝަލް ބީޗް ސަރަޙައްދަށްދިޔަ ބައެއް މީހުން މާލޭގެ މަގުތަކަށް ނުކުމެ މަގުތަކުގެ އަމާންކަން ނަގާލަން މަސައްކަތް ކުރުމުގެ ތެރޭގައި 14 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު އެތަނުން 13 މީހުން ދޫކޮށްލައިފި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރިމީހާގެ ބަނދަށް ދުވަސް އިތުރުކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާޓިފިޝަލް ބީޗުގައު ކުރިޔަށް ގެންދާ މިމުޒާހަރާގައި އެމްޑީޕީއިން ކުރިން ރާވައިފާ ވަނީ ބައެއް ވަގުތުތަކުގައި މަގުމައްޗަށް ނިކުމެ މުޒާހަރާކުރަން ގޮތަށެވެ. އެހެން ނަމަވެސް ފުލުހުން މި ފުރުސަތު އެމްޑީޕީ އަށް ނުދިނުމުން އެޕާޓީއިން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.