މަރު

ސުލްތާންގެ ޖަނާޒާ އަސްކަރީ ޝަރަފާއެކު ބާއްވައިފި

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން އަސްކަރީ ޝަރަފުގައި ބާއްވައިފި އެވެ. ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މަޣުރިބު ނަމާދަށް ފަހު އެވެ.

ސުލްތާންގެ ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ ނިޔާވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ.

ކޯހަށް ދިއުމުގެ ކުރީން ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

މަރުކަޒުތަކުގައި ސިފައިންގެ ދިދަ ބައިދަނޑިއަށް

ސުލްތާން ނިޔާވުމާއި ގުޅިގެން ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

ސިފައިންގެ ތަރުޖަމާން ވިދާޅުވީ ސުލްތާންގެ ކުއްލި ވަކިވުމާއި ގުޅިގެން އެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން އިއްޔެ ގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ.

ސުލްތާން މަރުވީ ދުވުމެއް ފުރިހަމަ ކުރަނިކޮށް

އއ. ހިމަންދޫ އަށް އުފަން ސުލްތާން މަރުވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި މިދިޔަ ހޮނިހިރު ދުވަހު އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް ބުންޏެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ފަހު އޮތް މި ދުވުމުގެތެރޭގައި ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވެއްޓުމުން އިމަޖެންސީގައި 1:58 ގާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ނިޔާވެފައިވާ ކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ހަވާލާދީ ސިފައިން ބުންޏެވެ.

އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ސުލްތާން މަރުވީ ފިޒިކަލް ޓްރޭނިންއެއްް ހަދަމުން ދަނިކޮށް ކަމަށެވެ. އެހެންވެ ސުލްތާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސުލްތާންގެ މަރުވި މައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކުން ވެސް މިހާރު ވަނީ އެންޑީއޭ އަށް އަންގާފަ އެވެ.

އެންޑީއޭ ގާއިމުކޮށްފައިވާ ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް އިންޑިއަން އެކްސްޕްރެސް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސުލްތާން މަރުވި މައްސަލަ ބެލުމަށް ކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ބަލަމުން ގެންދާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލި ބެލުމުން ސުލްތާންގެ މަރުގައި ޝައްކު އުފެދޭ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޕޯސްޓްމޯޓަމް ނުހެދީ އާއިލާއިން އެދިގެން

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން މަރުވި މައްސަލައިގެ ތަހުގީގުގެ ތެރެއިން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އެއް ހެދުމަށްވެސް ނިންމިއެވެ. އެއީ މަރުގެ ހަގީގީ ސަބަބު ދެނެގަަތުމަށެވެ.

އެކަން ސިފައިންވެސް ކަށަވަރު ކޮށްދިނެވެ.

ނަމަވެސް ސުލްތާންގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފައިވަނީ ޕޯސްޓްމޯޓަމް ނުހަދައެވެ. އެމްއެންޑީއެފް އިން ބުނީ ޕޯސްޓްމޯޓަމް ނުހަދާ ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައީ އާއިލާއިން އެގޮތަށް ބޭނުންވާތީ ކަމަށެވެ.،