މާލޭގެ އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ މުދާ އުފުލާ ވޭނެއްގެ ކޮންޓްރޯލް ގެއްލި، ކެފޭއެއްގެ ބިއްލޫރިގަނޑުގައި ޖެހި އެ ތަނަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިއެކްސިޑެންޓް ހިނގި ވަގުތު ކެފޭގެ ތެރޭގައި ތިބި މީހަކަށް ވަނީ އަނިޔާވެސް ލިބިފަ އެވެ.
އެކްސިޑެންޓްގައި ގެއްލުން ލިބިފައިވަނީ އަލިކިލެގެފާނު މަގާއި ލިލީމަގު ގުޅޭ ކަންމަތީގައި ހުންނަ މިސްޓާ ސަބް ކެފޭ އަށެވެ.
އެކްސިޑެންޓާ ގުޅިގެން ކެފޭގެ ކަންމައްޗަށްވާ ގޮތަށް ހަރުކޮށްފައި ހުރި މަގުމަތީގެ ނިޝާންތައް އަންގައިދޭ ބޯޑެއް ވެސް ވަނީ ހަލާކުވެފަ އެވެ.
ފުލުހުން އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ބެރިކޭޑްތަކެއް ވެސް ވަނީ އެކްސިޑެންޓާ ގުޅިގެން ހަލާކުވެފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.