ބޮލީވުޑް

ޝެހެނާޒްގެ "ހޯންސްލާ ރަކް" އަށް ސިދާރްތުގެ ފޭނުންގެ ހިތްވަރުގެ ބަސްތައް

ބަތަލާ ޝެހެނާޒް ގިލްގެ "ހޯންސްލާ ރަކް"ގެ ޓްރެއިލާ އިއްޔެ ދައްކަން ފަށާފައިވާއިރު މި ޓްރެއިލާ ބަލާފައި ސިދާރްތު ޝުކްލާގެ ފޭނުން ޝެހެނާޒް އަށް ހިތްވަރުގެ ބަސްތައް ސޯޝަލް މީޑިއާގައި ވަނީ ޝެއާ ކޮށްފަ އެވެ.

ލޯބިވެރިޔާ ސިދާރްތުގެ ކުއްލި މަރާ ގުޅިގެން މިހާރު ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ޝެހެނާޒަށް ހިތްވަރުދީ އޭނާއަށް ސަޕޯޓް ކުރުމުގެ ގޮތުން ސިދާރްތުގެ ފޭނުން އިއްޔެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ޕޯސްޓްތައް ވަނީ ޝެއާކޮށްފަ އެވެ.

މި ޓްރެއިލާ ވަރަށް މަޖާ ކަމަށް އެ ބެލި ގިނަ މީހުން އެއްބަސްވެ އެވެ. ޓްރެއިލާގައި ފެންނަނީ ޝެހެނާޒްގެ ކެރެކްޓާ އަށް ދަރިއަކު ލިބުމުން އެކަމާ ދެރަވެގެން އުޅޭ ތަނާއި ފިރިމީހާގެ ކެރެކްޓާ ކުޅޭ ދިލްޖީތު ދޮސާންޖް ކައިރިން ވަރިވާން މަސައްކަތް ކުރާ ތަނެވެ. އަދި މިކަމުގެ ތެރޭގައި ދިމާވާ މަޖާ ބައެއް ކަންތައް ތަކެވެ.

އަންނަ އޮކްޓޯބަރު 15 ވަނަ ދުވަހު ރިލީޒްކުރާ މި ޓްރެއިލާ ގިނަ ބަޔެއްގެ ހިތް އަތުލިއިރު ސިދާރްތުގެ ފޭނުން ޝެހެނާޒަށް ވަރަށް ހިތްވަރު ދީފައި ވެއެވެ. އަދި ސިދާރްތު ޝުކްލާއަށް ޓަކައި މިފިލްމު ސުޕަ ހިޓަށް ހަދައިދޭން ވެސް ބައެއް ފޭނުން އެދިފައިވެ އެވެ.

ސިދާރްތުގެ މަރަށް ފަހު ޝެހެނާޒް އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުމެ އެވެ. އަދި މި ފިލްމުގެ ޕްރޮމޯޝަންގައި ވެސް އޭނާ ބައިވެރިވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޝެހެނާޒްގެ އެކުވެރިން ބުނާ ގޮތުގައި ސިދާރްތުގެ މަރުން ޝެހެނާޒަށް ހީނުކުރާ ވަރުގެ ފުން އަސަރުތަކެއް ކޮށްފައިވެ އެވެ. އަދި އޭނާގެ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވާން ވަރަށް ދުވަސް ނަގާނެ ކަމަށެވެ.