ބޮލީވުޑް

"ޖޯދާ އަކްބަރު" އެކްޓަރު މަނީޝާ ޔާދަވް މަރުވެއްޖެ

"ޖޯދާ އަކްބަރު" އެކްޓަރު މަނީޝާ ޔާދަ "ޖޯދާ އަކްބަރް" ސިލްސިލާގައި ސަލީމާ ކިޔާ މުހިއްމު ކެރެކްޓާއެއް ކުޅުނު ބަތަލާއެއް ކަމަށްވާ މަނީޝާ ޔާދަވް މަރުވެއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު މަނީޝާ މަރުވީ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިގެންނެވެ.

މި ސިލްސިލާގައި ލީޑް ރޯލު އަދާ ކުރި ބަތަލާ ޕަރީދީ ޝަރުމާ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި މަނީޝާގެ މަރުގެ ހަބަރަކީ ތެދެއް ކަމަށް ބުނެ އޭނާގެ ކުއްލި މަރުން ހިތް ހަލާކުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

މަނީޝާ، 29، މަރުވިއިރު އޭނާގެ އެއް އަހަރުގެ ކުޑަ ކުއްޖަކު ވެސް އެބައޮތެވެ. ޖުލައި މަހު މަނީޝާ ވަނީ އޭނާގެ ދަރިފުޅުގެ ފުރަތަމަ އުފަން ދުވަސް ފާހަގަކުރި ދުވަހުގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އަދި އޭނާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް މަނީޝާ ތަންކޮޅެއް ކުރިން ޝެއާ ކުރި އެވެ.

ޕަރީދީ ބުނި ގޮތުގައި "ޖޯދާ އަކްބަރް" ކުޅެ ނިމުނު ފަހުން މަނީޝާ އާ މާ ގިނައިން ދިމަލެއް ނުވެ އެވެ. ނަމަވެސް އެ ސީރީޒްގައި ބޭގަމްގެ ރޯލު ކުޅުނު ހުރިހާ އެކްޓަރުންގެ ވަޓްސްއަޕް ގްރޫޕެއް އޮވެ އެވެ. އެ ގްރޫޕުގައި އޭނާ ވެސް މަނީޝާ އާ ބައެއް ފަހަރު ވާހަކަ ދައްކަ އެވެ. އަދި އޭނާއަށް މަނީޝާގެ މަރުގެ ޚަބަރު ލިބުނީ ވެސް އެ ގްރޫޕުން ކަމަށް ޕަރީދީ ބުންޏެވެ.