ރިޕޯޓް

ކޮންމެ މީހަކު ނުކުޅެދޭ މީހަކަށް ވަނީ ކީއްވެ؟

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ގާނޫނު އަސާސީ އެކުލެވިގެން ވަނީ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތައް އަސްލަކަށް ބަލައިގެންނެވެ. ދީނުގެ އުސޫލުތަކާއި ހިލާފު ކޮންމެ ކަމެއް ބާތިލެވެ. ދިވެއްސަކަށް ވެވެނީ ވެސް އިސްލާމަކަށެވެ. އެހާ ސާފުކޮށް އެ މާއްދާތައް ގާނޫނު އަސާސީގައި ފުރަތަމަ ބާބުގައި ވަނީ ލިޔެފައެވެ. އެއީ ވަރަށް ވިސްނުންތެރިކަަމާއެކު ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުން ކޮށްފައިވާ ކަމެކެވެ. އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކަށް ގޮންޖަހާ ކަންކަން ކުރަން ބޭނުންވާ ބަޔަކަށް އެއްވެސް ފުރުސަތެއް ނެތްކަން ބުނެ ދިނުމަށެވެ. ނަމަވެސް ހާލަތު ވަނީ ބަދަލު ވެފައެވެ. އެއީ ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތެވެ.

ދިވެހި މުޖްތަމައުގެ ތެރެއިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ އަސްލުތަކާއި އުސޫލުތަކަށް ކުޑައިމީސް ކުރުމުގެ އަމަލުތައް ފެންނަނީ ކަންބޮޑުވާން ޖެހޭ ދަރަޖަކައަކަށެވެ. އެ ކަންކަން ހުއްޓުމެއް ނެތި ހިނގަމުންދަނީ ވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަކަަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އެފަދަ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއްވެސްް ނޭޅޭތީއެވެ. ކޮންމެވެސް "ބަހަނާ" އަކުން އެކަންކަން ކުރާ މީހުން ސަލާމަތް ކުރާތީއެވެ. ނުވަތަ ސަލާމަތްވާތީ އެވެ. އެކަމުގެ ސަބަބުން އިސްލާމްދީނާ ދެކޮޅު "އަދުއްވުން" ނަށް ލިބެނީ ވަރަށް ބޮޑު ފުރުސަތެކެވެ. އެ މީހުންގެ ބާތިލު މަސައްކަތުގައި ދެމި ތިބުމަށް އިތުރު ހިތްވަރެކެވެ.

އިސްލާމް ދީނަށް ފުރައްސާރަަ ކުރުމުގެ އަމަލުތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އައި މަދަނީ ޖަމިއްޔާއަކުން ވަނީ މާތްﷲ އާއި އުންމަތުގެ ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓެއް ލިޔެ އާންމު ކޮށްފައެވެ. އެ ރިޕޯޓްގައި ކީރިތި ގުރުއާންގެ ސައްހަ ނައްސުން ސާބިތު އެތައް ކަމެއް ދޮގު ކޮށްފައި ވެއެވެ. މާތްﷲ ގެ އެއްކައުވަންތަ ކަމާމެދު ސުވާލު އުފައްދާ ރަސޫލާގެ ހަޔާތްޕުޅުގައި ހިނގާދިޔަ ބައެއް ކަންކަން އެއީ ނެތް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެން ދިވެހި ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވުމުން އެ ޖަމާއަތް އުވާލީ އެކަމަށް މަޖުބޫރުވީމައެވެ. އެ ޖަމާއަތުގެ މައްސަލަ ސަމާލު ކަމަށް އައިއިރު ދައުލަތުގެ މުހިންމު އެތައް މަގާމެއްގައި ތިއްބެވީ އެ ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ.

އެހެންވީމަ ޖަމާއަތް އުވާލި ނަމަވެސް އެ މީހުންގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބިރެއް، ލަދެއް ނެތި އެ މީހުންގެ ބާތިލު ވާހަކަތައް ފެތުރުމުގައި ދެމި ތިބީއެވެ. އަދި އެހެން ބައެއް މަދަނީ ޖަމިއްޔާތަކުން "ލާދީނީ ރިޕޯޓް" ދިފާއުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި ދީނުގެ އަދުއްވުން ރުއްސުމަށް އެ ދަނީ ޕްރޮމޯޓް ކުރަމުންނެވެ. ނަމަވެސް އެމްޑީއެން އުވާލިކަން ދައްކައިގެން ސަރުކާރު ހަނު އޮތީ އެވެ.

ދިވެއްސަކު ރާއްޖެއިން ބޭރުގައި އުޅެމުން ކަލަކު ކަމަށް ދައުވާ ކޮށްފިއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ތަކުރާރުކޮށް އިސްލާމް ދީނަށް ގެންދިޔައީ ފުރައްސާރަ ކުރަމުންނެވެ. އެކަން ނިމުނީ އެއީ "ސިކުނޑީގެ އުނިކަމެއް ހުރި ބަލި މީހެއް" ކަމަށް ކަނޑައެޅުމަށް ފަހުއެވެ. ނަމަވެސް އެ މީހާ އެ އުޅުނު ގައުމެއްގައި އުޅުމަށް ފަހު ރާއްޖެ އަންނަންވެސް އެނގުނެވެ.

އޭގެ ފަހުން ދިވެހި އެހެން އަންހެނަކު ރާއްޖޭގައި ދީނީ މިނިވަންކަން ނެތް ކަމަށް ބުނެ ވާހަކަ ދައްކަން ފެށިއެވެ. ނައިފަރަށް ނިސްބަތްވާ އެ އަންހެން މީހާވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ތަކުރާރުކޮށް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔައެވެ. އިސްލާމީ ޝިއާރެއް ކަމަށްވާ ބުރުގާ އެޅުމާއި ދެކޮޅު ހަދާ މަޖުބޫރުން ދީނަށް ވައްދާ ކަމަށް ބުނެ ވާހަކަ ދެއްކިއެވެ.

އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވެ ވާހަކަ ދައްކަން ފެށުމުން އިންޒާރު އަންނަ ކަމަށް ބުނެ ރާއްޖެއިން ފުރައިގެންދާން އެހީތެރިކަމަށް އެދުނީ ބޭރުގެ ޖަމާއަތުގަ އެވެ. އެ އެހީ ލިބިގެން އޭނާ ރާއްޖެއިން ފުރައިގެން ދަންދެން ފުލުހުން ހަނު ތިއްބެވެ. އެ މައްސަލާގައި ވާހަކަ ދެއްކީ ވެސް އެ އަންހެން މީހާ ފުރައިގެން ދިއުމުންނެވެ. މައްސަލަ ނިންމާލީ ފުލުހުން އެ މައްސަލަ ބަލަނިކޮށް އަންހެން މީހާ ފުރައިގެން ހިނގައްޖެ ކަމަށް ބުނެ އެވެ.

އޭގެ ކުރީން ތިނަދޫގައި ވެސް އެފަދަ ހާދިސާއެއް ހިނގިއެވެ. އެ މީހާ ހައްޔަރުކޮށްގެން ގެންގުޅުނެވެ. ފަހުން ވީ ގޮތެއް ނޭނގެއެވެ. އަދި ހުކުރު މިސްކިތަށް އަރާ ޗައިނާ އަންހެނަކުވެސް ވަނީ އެ މީހުންގެ ދީނީ ކަންތައްތަކެއް ކޮށް މިސްކިތުގެ ހުރުމަތް ކަނޑާފައެވެ.

އެންމެ ފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް މިހާރު ވަނީ ދީނީ މިނިވަން ކަން އޮންނަން ޖެހޭ ކަމަށް މެންބަރަކު ގޮވާލައްވާފައެވެ. މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކީރިތި ގުރުއާންގެ އާޔަތްތައް ނުބައި މަފްހޫމްތަކުގައި ކިޔަވާ ގުރުއާނަށް ކުޑަައިމީސް ކޮށްފައެވެ. އެންމެ ފަހުން މަޖިލީހުގެ ކަރާމާތް ގެއްލުވާލާ ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގޮވާލީއެވެ. ޖާބިރުގެ އެ އަމަލުތައް އެހާ ހިސާބަށް އައުމުގެ ކުރީން އޭނާ ގެެންދެވީ ފަހަރަކު ކަމެއް ފަހަރަކު ކަމެއް ކުރައްވަމުންނެވެ. ކޮންމެ ރެއަކާއި ދުވާލު އޭނާގެ އަޑު ރެކޯޑް ކޮށްގެން ނެރޭ އޯޑިއޯ / ވީޑިއޯ މެސެޖްތަކުގައި ގުރުއާންގެ އާޔަތްތައް ހިތުހުރި ގޮތަކަށް ކިޔައެވެ. އެކި ކަލިމަތައް އޭނާ ހިތަށް އެރި ގޮތަކަށް ބޭނުން ކުރެއެވެ. އެ މައްސަލަ ބަލާ ކަމަށް ބުނެ އެކަންވެސް އޮތީ ނިިންމާލާފައެވެ.

އިއްޔެ ފެނުނީ އަދި މުޅީން ތަފާތު މަންޒަރެކެވެ. އެއީ ދިވެހިންގެ އެންމެ ޝަރަފުވެރި ދެ މިސްކިތަށް މީހަކު ކުޑަކަމުދިޔައީއެވެ. އެ މީހާ ފުރަތަމަ ކުޑަކަމުދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އޮފީހުގެ މައި ގޭޓަށެވެ. އޭގެ ފަހުން ހުކުރު މިސްކިތަށް އަރާ މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ އެވެ. އަދި އިސްލާމީ މަރުކަޒަށް އަރާ ސަފުތައް ފަޅަމުން ގޮސް މަރުކަޒުގެ މިސްކިތުގެ އެންމެ އެތެރެއަށް ކުޑަކަމުގޮސް މިސްކިތުގެ ހުރަމަތް ކަނޑާ ނަޖިސްކުރިއެވެ.

އެ ވާހަކަތަކާއެކު އާންމުންގެ ރުޅިގަނޑު ފަޅައިގެން ދިއުމުން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް ހަމަ އެހިނދު ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފާހަގަ ކުރެވިއްޖެ ކަމަށްވެސް ބުންޏެވެ. ފުލުހުންގެ އެ ވާހަކަތައް ރިޕޯޓް ކުރުމުން ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ސިފަ ކުރި މީހަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ނޫނެވެ. ހުރިނަމަ އޭނާގެ ހުރީ ސިކުނޑީގެ ނުކުޅެދުންތެރި ކަމެކެވެ.

ނަމަވެސް އާންމުންގެ ސުވާލަކަށްވީ އެފަދަ މީހަކަށް ކުޑަކަމުދާން އެނގުނީ މިސްކިތްތަކަށް ހެއްޔެވެ. އަދި ރާއްޖޭގެ އެންމެ ހައިބަތުބޮޑު އިމާރާތުގެ މައި ގޭޓަށް ހެއްޔެވެ. އެ މީހާ ފުރަތަމަ ކުޑަކަމުދިޔައީ ރައީސް އޮފީހުގެ މައި ގޭޓް ކުރިމައްޗަށެވެ. ދެން ހުކުުރު މިސްކިތުގެ ތެރެއަށެވެ. އެ މީހާގެ މިސްރާބު ފުލުސް އޮފީހަށް ނުވަތަ ސިފައިންގެ މަރުކަޒަކަށް ނެތީ ކީއްވެ ހެއްޔެވެ. އަދި މިސްކިތުގެ އެތެރެއަށް ވަދެ އެކަން ކުރީ ކީއްވެ ހެއްްޔެވެ. އެންމެން ނަމާދުގައި މަސްއޫލުވެ އުޅެނިކޮށް އެކަން ކުރީ ކީއްވެ ހެއްޔެވެ. ސަފުތައް ފަޅަމުން ގޮސް މިސްކިތުގެ އެންމެ އެތެރެއަށް އަރާ އެކަން ކުރީ ކީއްވެ ހެއްޔެވެ.

އަދި މިފަދަ ސީރިއަސް މައްސަލައެއްގައި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފާހަގަ ކުރެވިއްޖެ ކަމަށް ބުނެ ފުލުހުން އެކަން އާންމުކުރިލެއް އަވަސް ކަމަށްވެސް ބައެއް މީހުން ދެކެއެވެ. އަދި އެއީ ފޯކަސް ގެއްލުވާލަން ކުރި ކަމެއް ކަމަށްވެސް ތުހުމަތު ކުރިއެވެ. އެއީ މިފަދަ ނުބައި ކަންކަން އެއީ އެއްވެސް ކަމެއް ނޫން ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށްވެސް ބައެއް މީހުން ސިފަ ކުރިއެވެ.

އާންމުންގެ މި ކަންބޮޑުވުންތައް ނޫސްވެރިން ފުލުހުންނާއި ހިއްސާ ކުރިއެވެ. އެ ސުވާލުތައް ފުލުހުންނާއި ކުރިމަތި ކުރުވިއެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

ފުލުހުން ބުނަނީ ވަކި ބާވަތެއްގެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކީ ނުކުޅޭދެ މީހެއް ކަމަށް ކަނޑައެޅުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ކުރާކަމެއް ނޫނެވެ. އަދި ކުރާނެ ކަމެއްވެސް ނޫނެވެ. ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ފާހަގަ ކުރުމުން އެފަދަ ކޮންމެ މައްސަލައެއްގައިވެސް ފުލުހުން އަމަލު ކުރަނީ އެގޮތަށް ކަމަށް ދޭހަވާ ގޮތަށް ސުވާލު އުފައްދާ އަދި ފާޅުކުރަމުންދާ ޝުއޫރުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކަމުގައި ދެކޭ ހާލު އެކަން ކުށްވެރި ކުރާ ކަމަށެވެ.

އިސްލާމް ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ނުވަތަ މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާފަދަ ކަންތައްތައް ކުރާ މީހުންގެ މައްސަލަތަކަކީ ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށްވެސް ބުންޏެވެ. އަދި މިފަދަ މައްސަލަތަކުގެ ވަށައިގެންވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު ބަލައި ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ.

ނަމަވެސް މި ފަހުން ކަންކަން ހިނގާ ގޮތުން ފުލުހުންގެ މިފަދަ ވާހަކަތައް ގަބޫލު ކުރަން ބައެއް މީހުންނަށް ދަތިވަނީއެވެ. އެހެންވީމަ މިއީ ފުލުހުންވެސް މި ނޫން ގޮތަކަށް އަމަލުކޮށް ރާއްޖޭގައި އިސްލާމްދީނަށް ގޮންޖަހާ ފުރައްސާރަކޮށް އަދި ދީނުގެ ކަރާމަތަށް އަރައިގަންނަ މީހުންނަށް ފުރުސަތު އޮތް ގައުމެއް ނޫންކަން އަންގައިދޭން ފިޔަވަޅު އަޅަން ޖެހެއެވެ.